ފްރެންޗް ލީގުގެ އާ ސީޒަނުގައި ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް ރަތެއް ދެއްކިއިރު، ވާދަވެރި އޮލިމްޕިކް މާސޭ އަތުން 1-0 އިން ބަލިވެއްޖެއެވެ.
މިއީ 2011 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ލީގުގައި ޕީއެސްޖީ އަތުން މާސޭ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ސީޒަނުގައި ޕީއެސްޖީ ވިދިވިދިގެން ބަލިވި ދެވަނަ މެޗެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުހިއްމު ގިނަ ކުޅުންތެރިންތަކަކާ ނުލައި ރަށުން ބޭރުގައި އަލަށް ޕްރޮމޯޓުވީ ލެންސް އަތުން ބަލިވީ 1-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ޕީއެސްޖީ އަށް އެންމެ ޕޮއިންޓެއްވެސް ލިބިފައިނުވާއިރު، މިވަގުތު އެ ޓީމު އޮތީ ތާވަލްގެ ފުލުން ތިންވަނައިގައެވެ. ލީގުގެ އެންމެ ކުރީގައި އުޅޭ މޮނާކޯ އާއި ރެނެސްގެ އިތުރުން ލިއްލޭ އަށް ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެފައިވާ މާސޭ އޮތީ ހަ ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދާދިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ނޭމާ އާއި އެންހެލް ޑި މާރިއާގެ އިތުރުން ލެއަންޑްރޯ ޕަރެޑޭސް އެ ބަލިން މުޅީން ރަނގަޅުވެ ޓީމާ އަލުން ގުޅިފައިވުމެވެ. އެހެންނަމަވެސް، މި ބައްޔަށް ޕޮޒިޓިވްވި އެ ޓީމުގެ ކިލިއަން އެމްބާޕޭ އާއި ކޭލޯ ނަވާސްގެ އިތުރުން މާކީނޯސް އާއި މައުރޯ އިކާޑީ އަދިވެސް ހުރީ އައިސޮލޭޝަނުގައެވެ.
ޕީއެސްޖީގެ ޕާކް ޑި ޕްރިންސަސްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި މާސޭ އަށް ކާމިޔާބުކޮށްދިނީ ފްލޮރިއަން ތޯވާން އެވެ. މިއީ އެ ޓީމުގެ ޑިމިޓްރީ ޕަޔެޓް ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން ތޯވާން ކާމިޔާބުކުރި ގޯލެކެވެ.
އޭގެކުރީން، މެޗު ފެށިގެން ދެވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ މާސޭގެ ގޯލްކީޕަރު ސްޓީވް މަންޑަންޑާ މަތަކުރިއެވެ. އަދި މުޅި މެޗުގައި ޕީއެސްޖީގެ ނޭމާ އަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އެ ޓީމުގެ އެންޑާ ހެރޭރާގެ އިތުރުން ޕަބްލޯ ސަރާބިއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް މަންޑަންޑާ އެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ޖުމްލަ 36 ފައުލް ފެނިގެންގޮސްފައިވާއިރު، މުޅި މެޗުގައި 12 ރީނދޫ ކާޑާއެކު ފަސް ރަތް ކާޑު ވަނީ ދެ ޓީމުގެ ކުޅުންތެރިންނަށް ދައްކާފައެވެ. މެޗު ހޫނުވެގެންދިޔައީ އިތުރުވަގުތުގައި މާސޭގެ ޑާރިއޯ ބެނެޑެޓޯ އާއި ޕީއެސްޖީގެ ޕަރެޑޭސްގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ކުރިމަތިލުންތަކަށް ފަހުގައެވެ.
އެގޮތުން، މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ބޮލުގައި ޖެހުމުން ނޭމާ އަށް ރަތެއް ދެއްކިއިރު، ލޭވިން ކުރްޒާވާ އާއި ޖޯޑަން އަމާވީގެ މެދުގައި ހިނގި ކަންތައްތަކަށްފަހު އެ ދެ ކުޅުންތެރިންނަށްވެސް ސީދާ ރަތެއް ވަނީ ދައްކާފައެވެ. އަދި އޭގެފަހުން، ޕީއެސްޖީގެ ޕަރެޑޭސް އާއި މާސޭގެ ބެނެޑެޓޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކައި އެ ދެ ކުޅުންތެރިންވެސް ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، ޕީއެސްޖީން 8 ކުޅުންތެރިނާއެކު މެޗު ނިންމާލިއިރު، ދަނޑުމަތީގައި މާސޭގެ ތިބީ ނުވަ ކުޅުންތެރިންނެވެ.
މިއީ ޕީއެސްޖީގައި ހޭދަކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނޭމާ އަށް ދެއްކި ތިންވަނަ ރަތް ކާޑެވެ. މީގެކުރީން، 2017/18 ވަނަ އަހަރުގެ ސީޒަނުގައި ރަށުން ބޭރުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗެއްގެ އިތުރުން ނިމިދިޔަ ސީޒަނުގައި އަމިއްލަ ދަނޑުގައި ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ވަނީ ރަތެއް ދައްކާފައެވެ.
ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ މެޓްޒްއާ ދެކޮޅަށެވެ. މި މުބާރާތުގައި މާސޭ އަށް ދެން އޮތީ ބުރާސްފަތި ދުވަހުގެ ރޭ ސެއިންޓް އެޓިއެންއާ ދެކޮޅަށް ކުޅޭ މެޗެވެ.