ފްރެންޗް ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވާދަވެރި މާސޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެލްއެފްޕީ އިން އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ.
އެގޮތުން، މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގެ އިތުރުވަގުތުގައި ދެ ޓީމުގެ ބައެއް ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ފަސް ކުޅުންތެރިންގެ ތެރޭގައި ނޭމާގެ އިތުރުން އެ ޓީމުގެ ލެއަންޑްރޯ ޕަރެޑޭސް އާއި ލޭވިން ކުރްޒާވާ ހިމެނުނެވެ. ނޭމާ އާއި ޕަރެޑޭސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިއިރު ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ.
މި ތިން ކުޅުންތެރިންގެ ސަސްޕެންޝަނުގެ ފުރަތަމަ މެޗަކީ ރޭ ޕީއެސްޖީގެ ދަނޑުގައި 1-0 އިން މެޓްޒް އަތުން މޮޅުވި މެޗެވެ. ރޭގެ މެޗުގައިވެސް އެ ޓީމުގެ އަބްދޫ ޑިއާލޯ އަށް ރަތް ކާޑު ދައްކާފައިވަނިކޮށް އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޖޫލިއަން ޑްރެކްސްލާ އެވެ. އޭގެކުރީން، ލީގުގައި ކުޅުނު ދެ މެޗުން ވެސް ޕީއެސްޖީ ވަނީ ބަލިވެފައެވެ.
މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް ރަތެއް ދެއްކީ އެ ޓީމުގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ބޮލުގައި ޖެހުމުންނެވެ. އޭގެފަހުން، ޕީއެސްޖީގެ ކުރްޒާވާ އާއި މާސޭގެ ޖޯޑަން އަމާވީގެ މެދުގައި ހިނގި ކަންތައްތަކަށްފަހު އެ ދެ ކުޅުންތެރިންނަށްވެސް ސީދާ ރަތެއް ވަނީ ދައްކާފައެވެ. އަދި ޕީއެސްޖީގެ ޕަރެޑޭސް އާއި މާސޭގެ ބެނެޑެޓޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކައި އެ ދެ ކުޅުންތެރިންވެސް ދަނޑުން ފޮނުވާލައިފައެވެ.
މިއީ ޕީއެސްޖީގައި ހޭދަކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނޭމާ އަށް ދެއްކި ތިންވަނަ ރަތް ކާޑެވެ. އަދި މާސޭއާ ދެކޮޅަށް ކުޅުނު މެޗެއްގައި އޭނާ އަށް ރަތެއް ދެއްކި ދެވަނަ ފަހަރެވެ. މީގެކުރީން، 2017/18 ވަނަ އަހަރުގެ ސީޒަނުގައި ރަށުން ބޭރުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗެއްގެ އިތުރުން ނިމިދިޔަ ސީޒަނުގައި އަމިއްލަ ދަނޑުގައި ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ވަނީ ރަތެއް ދައްކާފައެވެ.
މާސޭ މެޗަށްފަހު ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންކަމަށާއި، އަދި އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވީ ގޮންޒާލޭޒްގެ މޫނުމަތީގައި ކަމަށް ވެސް ނޭމާ ބުންޏެވެ.
ނޭމާ ފާހަގަކޮށްފައިވާ ނަސްލީގޮތުން ދިމާކުރި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފްރެންޗް ލީގު ހިންގާ އެލްއެފްޕީ އިން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް ބުންޏެވެ.
ނޭމާގެ ސަސްޕެންޝަނާއި ގުޅިގެން އަންނަ އާދީއްތަ ދުވަހު ނީސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެއެވެ. އެހެންނަމަވެސް، އޭގެފަހުން މި މަހުގެ 28 ވަނަ ދުވަހުގައި ރެއިމްސްއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗުގައި ބައިވެރިވެވޭނެއެވެ.