English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ދެވަނަ މެޗުގައި މަލްޓި ޖީނިއަސް ސިޓީ އާއި ޓީމް ފެނަކަ ކުޅުނު މެޗު 2-0 އިން މޮޅުވެ މަލްޓި ޖީނިއަސް ސިޓީ ކުއާޓަރފައިނަލަށް ދަތުރުކޮށްފިއެވެ . މެޗުގެ ފުރަތަމަ ލަނޑު މަލްޓިޖީނިއަސްއިން ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝާނިޒެވެ. އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދީފައިވަނީ އީމާން އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަލްޓި ޖީނިއަސް ސިޓީގެ އަހުމަދު މުއާޒެވެ. މަލްޓިޖީނިއަސް އަށް މިރޭ ލިބުނު 3 ޕޮއިންޓާއެކު ޖުމްލަ 6 ޕޮއިންޓް ހޯދައިގެން އެޓީމްވަނީ މުބާރާތުގެ ކުއާޓަރފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައެވެ. މިނަތީޖާއާއެކު ޓީމު ފެނަކަ ވަނީ މުބާރާތުން އަލްވަދާއު ކިޔައިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.