English Edition
Dhivehi Edition

ބޮކްސް އޮފީހުގެ ފެބްރުއަރީ 2018ގެ ތަރިއަކަށް އަކްޝޭ ކުމާރު ހޮވައިފިއެވެ. އަކްޝޭ އެމަގާމަށް ހޮވާފައި ވަނީ އޭނާގެ ފިލްމް “ޕެޑްމޭން” އިންނެވެ.

މިހާތަނަށް އަކްޝޭ ކުމާރު އަދި އާރު. ބަލްކީގެ ފިލްމް “ޕެޑްމޭން” ވަނީ 78.95 ކްރޯޑް ހާސިލްކޮށްފައެވެ. މި ފިލްމަކީ ވަރަށް ތަފާތު މަޢުޟޫއު އަކަށް ހެދިފައިވާ ފިލްމެއް ކަމުގައި ވިޔަސް ބެލުންތެރިންގެ ތެރޭގައި މި ފިލްމް ވަނީ ވަރަށް ބޮޑު މަޤްބޫލު ކަމެއް ހޯދާފައެވެ. ބޮކްސް އޮފީހުގެ ކާމިޔާބުގެ އިތުރުން މިފިލްމުގެ ސަބަބުން އެތައް ބައެއްގެ މެދުގައި ހޭލުންތެރިކަން ވަނީ އިތުރުވެފައެވެ. ފިލްމުގައި ޕެޑްމޭންގެ ގޮތުގައި އަކްޝޭ ވަނީ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ.

ފެބްރުއަރީ މަހުގެ އެންމެ ބޮޑު ފައިދާ ހޯދި ފިލްމަކަށް މިފިލްމު ވެފައިވީ ނަމަވެސް ކާރްތިކް އާރްޔަންގެ ފިލްމު “ސޯނޫ ކެ ޓީޓޫ ކީ ސްވީޓީ” މިރެކޯޑް މުގުރާލާނެ ކަމަށް ލަފާ ކުރެވެއެވެ. މިހާތަނަށް އެފިލްމު ވަނީ ބޮކްސް އޮފީހުގައި 41.08 ކްރޯޑް ހާޞިލް ކޮށްފައެވެ. ކުރިޔަށް ހުރި ދުވަސްތަކުގައި މިއަދަދު މައްޗަށް ޖެހި “ޕެޑްމޭން” އަށްވުރެ ކުރިޔަށް ޖެހިލާނެ ކަމަށް ބެލެވޭ ކަމަށް ނޫސްތަކުން ބުނެއެވެ.

“ޕެޑްމޭން އަކީ 37.00 ކްރޯޑްގެ ކޮންޓްރޯލް ބަޖެޓަކުން އުފެއްދި ފިލްމަކަށް ވެފައި، 2018 ވަނަ އަހަރުގެ ކާމިޔާބު ފުރަތަމަ ފިލްމަށް މިފިލްމު ވުމަކީ ފިލްމު އުފެއްދި ފަރާތަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެއްކަން ޔަޤީނެވެ.

“ޕެޑްމޭން” އަކީ ޓަމިލްނާޑޫގެ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ އަރޫނާޗަލަމް މުރުގަނަންތަމްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އާރު. ބަލްކީ އެވެ.