English Edition
Dhivehi Edition

ވިލާ ކޮލެޖުން އަންނަ މެއި މަހުގައި ފެށުމަށް ހަމަޖެހިފައިވާ 97 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޯސްތައް އިޢުލާން ކުރުމަށް އެކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން 97 ކޯހަކަށް ކުރިމަތިލުމަށް ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. މިކޯސްތައް ބާއްވަނީ މާލޭގެ އިތުރުން ރަށްރަށުގައި ހުރި ވިލާކޮލެޖްގެ ކެމްޕަސްތައްވެސް ހިމެނޭ ގޮތަށެވެ.

ވިލާ ކޮލެޖްގެ މަޤްޞަދަކީ އަމިއްލަ ޤައުމުގައި ހުރެގެން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮލެޖްގެ ރެކްޓާ ޑރ. އަޙުމަދު އަންވަރުވަނީ ވިދާޅުވެފައެވެ. އެގޮތުން ޔުނިވާރސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑްގެ ކޯސްތައް، އެޔުނިވާސިޓީގެ ފެންވަރަށް ރާއްޖޭގައި ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަނގަޅު ޕްރޮގްރާމްތަކާ އެކު ކިޔަވައިދެއްވަން ވަޑައިގަންނަވަނީ ރާއްޖޭގައި ތިއްބެވި އެންމެ ރަނގަޅު ބޭފުޅުން ކަމަށާއި، ޔުނިވާސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑްގެ ފަންނީ ބޭފުޅުންގެ ބެލުމުގެ ދަށުން، އެބޭފުޅުންގެ އިރުޝާދާއިއެކީ ކިޔަވައިދެމުން ގެންދާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮލެޖްގެ ވައިސް ރެކްޓާ ޑރ. ޢަލީ ނަޖީބް ވަނީ ދަރިވަރުންނަށް ފަސޭހައިން ކޯސްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށާއި، މަހުން މަހަށް ބަހާލައިގެން ކޮންމެ މަހަކު ވަކި ވަރެއް ދައްކައިގެން ގެންދެވޭނެ ގޮތަށް ހަމަޖެހިފާކަން ހާމަކުރައްވާފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ވާހަކަވެސް ވިދާޅުވިއެވެ.

މެއި މަހުގެ އިންޓޭކްގައި މާސްޓާސް ފެންވަރުގެ 10 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ 8 ކޯހަކާއި ޑިގްރީ ފެންވަރުގެ 22 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 20 ކޯސް ހިމެނެއެވެ. މީގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ޖުމްލަ 24 ކޯހާއި މެރިން ސްޓަޑީޒް ދާއިރާގެ 8 ކޯހެއް ހިމެނެއެވެ.