އިންޑިއާގެ މަޝްހޫރު ސުޕަސްޓާރ ސްރީދޭވީގެ ހަށިގަނޑު ޖަނާޒާއަށް 28 ފެބްރުއަރީ 2018 ވީ ބުދަ ދުވަހު ގެންދިޔަ ވަގުތު އަންދޭރީ އަވަށުގެ މަގުމައްޗަށް 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޖަމާވެފައެވެ. ފުރި ބާރުވެފައިވާ މަގު ތަކުން ސްރީދޭވީގެ ހަށިގަނޑު ބާއްވާފަ އޮތް ވެހިކަލް ކުރިޔަށް ދިޔައީ ފުލުހުންގެ އެހީތެރި ކަމާއިއެކުގައެވެ.
ސްޓޭޓް ލެވެލްގައި ބޭއްވުނު މިޖަނާޒާގައި ފުލުހުން ވަނީ ގާޑް އޮފް އޮނަރ އެއް އަރުވާފައެވެ. މިއީ ކޮންމެ ކޮންމެ ފަރާތަކަށް ދެވޭ އިއްޒަތެއް ނޫނެވެ. ޖަނާޒާއަށް ގެންދެވުނު އިރު ސްރީދޭވީގެ ހަށިގަނޑު އޮތް ވެހިކަލް ވަނީ ހުދު ކުލައިގެ މަލުން ޒީނަތްތެތި ކޮށްފައެވެ. މަލުން ފްރޭމް ކޮށްފައިވާ ސްރީދޭވީގެ ރީތި ހިނިތުންވުން ދައްކުވައިދޭ ބޮޑު ފޮޓޯއެއް ވަނީ އޭގައި ހަރުކުރެވިފައެވެ. ވެހިކަލްގެ އެންމެ ގާތުގައި ތިބީ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރު އާއި އޭނަގެ ދެ ދަރިން ކަމުގައިވާ ޖާންވީ އަދި ޚުޝީ އެވެ. މީގެ އިތުރުން އަނިލް ކަޕޫރު އާއި އަރުޖުން ކަޕޫރު އަދި ހަރްޝްވަރްދަން އާއި އާއިލާގެ ގިނަ މެމްބަރުން ތިއްބެވެ.
ވިލް ޕާލް ސޭވާ ސަމާޖް ކްރިމެޓޯރިއަމްއަށް ހަށިގަނޑު އެންދުމަށްޓަކާ ވެއްދި އިރު ގިނަ ޢަދަދެއްގެ މީހުން ޖަމާވެފައި ތިބުމުގެ ސަބަބުން އެތެރެއަށް ވަންނަން ޖާގަ ދެވުނީ އާއިލާ މެމްބަރުން ތިބި 12 ކާރު އެކަންޔެވެ. މަޝްހޫރު ސުޕަރ ސްޓާރ ޝާހްރުކްޚާން އަށް ވެސް ޖެހުނީ ބޭރުގައި މަޑު ކޮށްލާށެވެ. މި ޖާނާޒާގައި ގިނަ ޢަދަދެއްގެ ފިލްމީ ތަރިން ވަނީ ބައިވެރިވެފައެވެ.
ސްރީދޭވީގެ ހަށިގަނޑު އެންދުމަށް ހުޅު ރޯކުރީ ފިރިމީހާ ބޯނީ ކަޕޫރު އަދި ދެދަރިން ޖާންވީ އާއި ޚުޝީއެވެ.
ސްރީދޭވީ މިއަދު ދުނިޔެ ދޫކޮށްފައި ދިޔަކަމުގައި ވިޔަސް ބޮލީވުޑް އިންޑަސްޓްރީގައި އޭނާ ކޮށްފައިވާ މަސައްކަތް ތަކަކީ ދުވަހަކުވެސް ފަނޑުވާނެ މަސައްކަތްތަކެއް ނޫނެވެ. އެތައް ހާސް މީހުންގެ ހިތުން ޖާގަ ހޯދާފައިވާ މި ރީތި ތަރީގެ ހަނދާންތައް ދުވަހަކުވެސް ނުފޮހެވޭނެ ކަން ޔަޤީންނެވެ.