English Edition
Dhivehi Edition

ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މައިން ބަފައިންގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން ކުރެވިދާނެ ފަނަރަ ކަމެއް ތިރީގައި މިވަނީއެވެ.

  1. ދަރިންގެ ކުރިމަތީ ނަމޫނާ ދައްކާށެވެ.

ކަންތަކަށް އުންމީދާއެކު ކުރިމަތިލާން އެކުދީންނަށް ދަސްކޮށްދޭށެވެ. ދަރިންގެ ފަރާތުން ރަނގަޅެއް ފެނިއްޖެއްޔާ ހިތްވަރު ދޭށެވެ. ގޯހެއް ހެދޭފަހަރު އަދަބު ދޭންވީ އެކަންޏެއް ނޫނެވެ. އެކުދީން ކުރާ ރަނގަޅުކަންތައް ފާހަކޮށް އިނާމު ދޭށެވެ. ކުދީންނަށް ޕްލީޒް ކިޔަން ދަސްކޮށްދެންޏާ ތިމާވެސް ޕްލީޒް ކިޔަންވާނެއެވެ. އަދި އަޑުގަދަކޮށް އެކުދީން ވާހަކަ ދައްކަންޏާ ތިމާ މަޑުމަޑުން ވާހަކަ ދައްކައި އެގޮތް އެކުދީންނަށް ދަސްކޮށްދޭށެވެ.

  1. ކުރެވޭ އިހުސާސްތައް އަންގައި ދޭށެވެ.

ކުއްޖާގެ ގާތު އޭނާ ކުރާކަމަކުން ތިމާއަށް ކުރެވޭ އިހްސާސްތަައް ކިޔާ ދިނުމުން އޭނާއަށް ވިސްނޭނެއެވެ. މިސާލަކަށް “އަހަރެންނަށް ވަރަށް އެބަ އުނދަގޫވޭ ދަރިފުޅު އަޑުގަދަ ކުރާތީ.” ފަދަ އެއްޗެއް ބުނާށެވެ.

  1. ދަރިފުޅު ރަނގަޅު ކަމެއް ކުރާނަމަ އެކަމަށް ހިތްވަރު ލިބޭކަހަލަ އެއްޗެއް ބުނާށެވެ. “އަސްތަ، ހާދަ ރީއްޗޭ ތިޔަ ކަންތައް. “ ފަދަ ގޮތަކަށް ބުނާށެވެ. ގޯސްކޮށް ކަމެއް ކޮށްލާއިރަށް، “އޭ ތި ކީއްކުރަނީ. އަވަހަށް ހުއްޓާލާށޭ” ފަދަ އެއްޗެހި އެކަނި ނުބުނާށެވެ.
  2. ދަރިފުޅާ އެއް ހަމަޔަކަށް ތިރިވާށެވެ.

ގާތްކަން ބެހެއްޓުމުން ދަރީންނަށް ހިތްވަރު ލިބޭނެއެވެ. އަދި އެކުދީންނާ އެކު މަންމަ ނުވަތަ ބައްޕަ ވާކަމަށް ބޮޑަށް ހީކުރެވޭނެއެވެ. އެކުދީން އަބަދު މަތިބަލަން ނުޖައްސާށެވެ.

  1. ކުއްޖާ ދައްކާވާހަކައަށް އަމަލީ ގޮތުން އަޑުއަހާކަން ދައްކާށެވެ.

ބޮލުގެ ހަރަކާތުން ނޫނީ އެކުދިން ބުނާ ބަސްތައް ތަކުރާރު ކޮށްގެން އެގޮތް ދައްކާދެވިދާނެ އެވެ. “މިއެތި ހަލާކުވީމާ ކަލޭ ވަރަށް ދެރަވެއްޖެ ދޯ.” ކަހަލަ އެއްޗެހި ބުނެ އޭނާގެ އަޑު އަހާކަން ދައްކާށެވެ. މިހެން ހެދުމުން ކުދީން ކަންބޮޑުވާ ވަގުތު އެހީތެރިކަން ލިބޭކަމުގެ އިހްސާސް ކުރެވޭނެއެވެ. އެހެން ނޫންނަމަ އެކުދީން ރުޅިގަދަވެ އެހެން ނުބައެއް ހަދަން ދިމާކޮށްފާނެއެވެ.

  1. ކުރާ ވައުދު ފުއްދާށެވެ. އެއީ އެކުދީން ތިމާ ދެކެ ގަދަރު ކުރާނެ ކަމެކެވެ. އަދި އެކުދީންނަށް ކަމެއް ޖެހޭ އިރު އެހީތެރިވާނެ ކަމުގެ އިތުބާރު ލިބިގެން ދާނެއެވެ. އަދި އެކުދީންނަށް ވެސް ބުނާ ބަހުގައި ހިފަހަށްޓަން ދަސްވާނެއެވެ. ދަރިފުޅު ކުޅޭ އެއްޗެހި އެއްތަންކޮށް ރައްކާކުރުމުން ހިނގާލަން ދާން ވައުދު ކޮށްފި ނަމަ އެކަންތައް ނިމޭއިރު އޭނާ ގޮވައިގެން ދާން ތައްޔާރުވެ ހުންނާށެވެ. ދަރިފުޅު ދުވެހެދުން ނުހުއްޓައިފި ނަމަ ފިހާރައިން ނުކުމެދާނަމޭ ބުނެފިއްޔާ އެގޮތަށް ހަދަންވާނެއެވެ.
  2. ރަނގަޅު އާދަތައް ހިފާނެ ރަނގަޅު މާހައުލެއް ބިނާކުރާށެވެ.

ކުއްޖާއަށް ކުޅެ އުޅެވޭނެ މާހައުލެއް ދައްކައިދޭށެވެ. ތެޅިދާނެ ފަދަ ތަކެތި އަތް ނުފޯރާފަށުގައި ބަހަށްޓާށެވެ. އައިނުފަދަ ތަކެއްޗާ އެކުދިން ކުޅެން އުޅޭނެއެވެ. އަގުބޮޑުތަކެތި އަތްފޯރާފަށުގައި ނުބަހަށްޓާށެވެ. ކުދީންނަކަށް އެއްޗެހީގައި އަތްނުލައެއް ނުތިބެވޭނެއެވެ.

  1. ކުއްޖާ ކުރާ ކަމެއް ހުއްޓުވުމުގެ ކުރީގައި އެއީ ހުއްޓުވަން މަޖްބޫރުކަމެއްތޯ ބަލާށެވެ. އޭގެ ބަދަލުގައި އެކަމާމެދު ތިމާގެ ޚިޔާލު ދޭށެވެ. ވީވަރަކުން އިރުޝާދު ދިނުން މަދުކުރާށެވެ. ކުއްޖާގެ ހިތްމަރުވާފަދަ ބަސްތައް ބުނެ ހިތްވަރު ދެރަކޮށްނުލާށެވެ. ހުއްޓުވަން ކޮންމެހެން ނުޖެހޭ ކަންތައް ހުއްޓުވަން ނޫޅޭށެވެ.
  2. ކުއްޖާއަށް ރޮއިގަނެގެން ކަންތައް ކުރުވިޔަ ނުދޭށެވެ. އެއްފަހަރު ދޫދިނަސް އަނެއްފަހަރު އެހެން ކޮންމެވެސް ކަމެއް ކުރުވަން ރޮއިގަންނާނެއެވެ. ނޫނެކޭ ބުނަންވާތަނުގައި އެގޮތުގައި ހިފަހަށްޓާށެވެ. ނޫނެކޭ ބުނަންވާނީ ޚިޔާލު ބަދަލު ނުކުރާނެ ކަންކަމުގައެވެ.
  3. ކަންކަން ކުރުވަންވާނީ ފަސޭހަ އަދި އޮޅުންބޮޅުން ކުޑަވާނެހެންނެވެ. މިސާލަކަށް މަގު ހުރަސްކުރާއިރު އަތުގައި ހިފަހަށްޓާށޭ ބުނެވިދާނެއެވެ. ނުކުރާށޭ ބުނުމުގެ ބަދަލުގައި ކުރަންވާ ކަންކަން ބުނެދޭށެވެ. މިސާލަކަށް. “ދޮރު ހުޅުވާފައި ނުބަހަށްޓާ!” މިހެން ބުނުމުގެބަދަލުގައި “ދޮރު ލައްޕާފައި ބަހަށްޓާ!” މިހެން ބުނާށެވެ.
  4. ކުއްޖާއާ ކަންކަން ހަވާލު ކުރާށެވެ.

މަސްއޫލިއްޔަތު އުފުލަން ދަސްކޮށްދޭށެވެ. ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް އިތުރު ކަންތައް ހަވާލުކުރާށެވެ. އޭރުން އެކުއްޖާއަށް ތަބީއީ ގޮތުން ކުރިމަތިވާ ކަންތައް ދެނެގަންނަން އެނގޭނެއެވެ. އޭރުން ތިމާއީ ނުބައި މަންމައެއްކަމަށް ދެކޭނެ ފުރުސަތު ކުޑަވާނެއެވެ. މިސާލަކަށް ސްކޫލަށް ގެންދާ ތަކެތި ދަބަހަށްލުން، އިންޓަވަލް ފަދަ ތަކެތި ގެންދިއުން އެއީ ކުއްޖާގެ މަސްއޫލިއްޔަތަކަށް ހަދާށެވެ. ކުއްޖާ އެތަކެތި ނުގެންގޮސްފި ނަމަ ބަނޑުހައިވާނެކަން އޭނާއަށް އޭރުން އެނގޭނެއެވެ. ބައެއްކަހަލަ ކަންކަން ކުރުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާ ކުއްޖާއަށް ބުނެދޭށެވެ.

  1. ކުއްޖާ ގާތު ކޮންމެ ފަހަރަކު ކުރަންވާ ކަންތައް ބުނަން ނަހަދާށެވެ. އެހެންނޫނީ އޭނާ އަމިއްލައަކަށް ނުވިސްނާނެއެވެ. އަބަދުވެސް މަންމަ ބުނާނެ ކަމަށް ދެކޭނެއެވެ. ކަންކަން ކުރަން ފަހުފުރުސަތު ދޭ އިރު އެކަމެއް ނުކޮށްފި ނަމަ ނުކުންނާނެ ނަތީޖާ ބުނެދޭށެވެ. އަދި އެނަތީޖާއާ އޭނާ ކުރިމަތި ކުރުވަންވާނެއެވެ.
  2. ކުއްޖާއަކީ މުހިންމު މީހެއްކަމުގެ އިހްސާސް ދޭށެވެ.

ގޭގައި ހުންނަ ކުދިކަންކަން ޖައްސާށެވެ. އެކަންތައް ކުރުމުގައި އެއްފަހަރުން އަނެއްފަހަރު އެކުއްޖާ ފަރިތަ ވަމުންދާނެއެވެ. އަދި އެކަމާމެދު އޭނާ ފަޚުރުވެރިވާނެއެވެ. އޭނާ ކާމިޔާބުކަމާއެކީ ކުރާކަންތަކަށް ތާރީފު ކުރާށެވެ.

  1. އުނދަގޫ ކަންތަކަށް ވެސް ކުރިމަތި ކުރުވާށެވެ.

ކަމެއް ޖައްސާއިރު ހަމަ ވަގުތުން ކުރަން ނުޖައްސާށެވެ. އޭގެ ބަދަލުގައި އިރުކޮޅަކުން މިކަންތައް ކުރާށޭ ބުނާށެވެ. އަދި އެކަން އޭނާ ކުރިޔަށް ގެންދޭތޯ ޔަގީން ކުރާށެވެ.

  1. ހުރިހާ ފަހަރަކު ސީރިއަސް ނުވާށެވެ.

ބައެއްފަހަރު ސަމާސާ ވެސް ކުރަންވާނެއެވެ. އަދި ހެއްވާކަންތައް ވެސް ކުރަން ވާނެއެވެ. އެއީ ކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ކަމެކެވެ. ހެއްވާ އަދި މަޖާ ކަންކަން ކުރަން ދަސްކޮށްދޭށެވެ. މިސާލަކަށް ބިންމައްޗަށް އުކާފައި ހުންނަ ކުޅޭ އެއްޗެހި ނަންގުވަން ބޭނުންވާނަމަ އެއީ މަޖާ އަދި ސަކަރާތް ގަތުމާއެކު ކުރާ ކަމަކަށް ހަދާށެވެ. ގިލިގިލި ކޮއްޓުން ފަދަ ކަމެއް އެއާ އެކު އެކުލެވިދާނެއެވެ. ކުއްޖާއަށް ނުވިސްނި ކުރެވޭކަންތައް މަޖަލަކަށް ނަހަދާށެވެ. އެކަހަލަ ސަމާސާތަކުން ކުއްޖާއަށް ވާނީ ގެއްލުމެވެ.