English Edition
Dhivehi Edition

ރާއްޖޭގައި ޤާއިމުކުރި މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލމިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ “ޓްރީ ޓޮޕް އިންވެސްޓްމަންޓުން” ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ގެ ހިދުމަތް މިއަދު ފަށާފައިވަނީ ހާއްސަ ރަސްމިއްޔާތަކާ ނުލަ އެވެ.

ޖުމްލަ 403 މުވައްޒަފުންނާއެކު މިއަދު އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފަށާފައިވާ އިރު ހިދުމަތްދޭ 100 ނަރުހުންނާއި އޮޕަރޭޝަންތަކަށް ހާއްސަ މަލްޓި ސްޕެޝަލިސްޓުންނާއި އެކު 40 ޑޮކްޓަރުން ތިއްބަވާނެ އެވެ. ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ޑޮކްޓަރުންގެ އަދަދު 80 އަށް އިތުރުވެގެންދާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލްކަމަށް ވާއިރު، މި ހޮސްޕިޓަލުން ކެންސަރުބަލީގެ އިތުރުން އޯޕަން ހާޓް ސާޖަރީގެ ހިދުމަތާއި، ޑަޔަލަސިސްގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހުންގެ އާއިލާއަށް ދޭ އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށްވެސް މި ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ބަލި މީހުންގެ އާއިލާތަކަށް އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށް 48 ކޮޓަރި ހާއްސަކޮށްފައިވާއިރު، އެ ކޮޓަރި ތަކަކީ ޒަމާނީ ޓެކްނޮޖީއާއެކު ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަދި އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ޗައިލްޑް ތެރަޕީގެ ހިދުމަތްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް ކްލިނިކްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޗާޖުކުރާ އަސްލު އަދަދަކީ 750 ރުފިޔާއެވެ. ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓަކާއެކު 525 ރުފިޔާއަށް ޑޮކްޓަރަށް ދައްކާލެވޭނެ އެވެ.

ހުޅުމާލޭގައި 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ގާއިމްކޮށްފައިވާ ޓްރީޓޮޕަކީ 210 އެނދުގެ ތާޝަރީ ހޮސްޕިޓަލެކެވެ. އެއީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި މިހާތަނަށް އަޅާ ފުރަތަމަ އަލްޓްރާ-މޮޑާން ނުވަތަ ހުރިހާ ގޮތަކުން އެންމެ ފަހުގެ އުފެއްދުންތަކާއެކު ފަށާ ފުރަތަމަ ހޮސްޕިޓަލެވެ.