ކޮންމެ ދެމަފިރިޔަކު ޒަވާޖީހަޔާތެއް ފަށާނީ އުފާވެރި މުސްތަގުބަލެއް ލިބިގަތުމުގެ މަގުސަދުގައެވެ. މިގޮތުން ކައިވެނީގެ އެންމެ ބޮޑުމަގުސަދަކަށް ވެގެންދަނީ ދަރިން ހޯދުމުގެ އުފާ ލިބިގަތުމެވެ. ކައިވެންޏަށް ފަހު ދެން އެންމެ އިންތިޒާރު ކުރެވެނީ ދަރިޔަކު ލިބުމުގެ ނިއުމަތް ދެއްވާނެ ދުވަހަކަށެވެ. ބަލިވެ އިންނަކަން އެނގޭ ދުވަހުންފެށިގެން އަވަސް ވެގަނެވެނީ އެދަރިފުޅު މިދުނިޔެޔަށް ނޭވާލާނޭ ދުވަހަކަށް ވާންޖެހޭތައްޔާރީތަށް ވުމަށެވެ. މިގޮތުން އެދަރިފުޅު ރަނގަޅު ސިއްޙަތެއްގައި ލައްވާތޯ އެތައްދުޢާ އެއް ކުރެވެއެވެ. ދަރިފުޅު އުފަންވުމަށް ފަހު ބޭނުން ވާނޭހުރިހައި ތަކެތި ހޯދައެވެ. އެދަރިފުޅު އުފަންވުމަށް ފަހު އަމިއްލަފައި މައްޗަށް ތެދުވާނެ ދުވަހަކަށް އިންތިޒާރު ކުރެވެއެވެ
މިހުރިހައި ފޮނި އުންމީދުތަކަކީ ކޮންމެ ދެމަފިރިޔަކު ކުރާނޭ އެންމެ ފޮނި އުންމީދު ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ސ. މީދޫ ވެނިސް، އާމިނަތު ނާޒިމާ އާއި ސ. ހުޅުދޫ އިޝާން، މުހަންމަދު ނިޝާން ކައިވެންޏަށް ފަހު ކުރީވެސް މި ފޮނި ފޮނި އުންމީދުތަކެވެ. އަލަތު ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން އުފަލުން ފޮޅުނެވެ. ދަރިފުޅު އުފަންވާނޭ ދުވަހަކަށް ހުރިހައި ތައްޔާރީތައް ވެވުނެވެ. މާތް ﷲގެ ރަހްމަތް ފުޅުން އަލަތު ދަރިފުޅު މިދުނިޔެޔަށް ނޭވާލީ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި 12ޖޫން 2017 ވަނަދުވަހުއެވެ
މިޝްކާ ބިންތި މުޙައްމަދު ނިޝާން މިދުނިޔެޔަށް ނޭވާލީ އިރު އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގައެއް ނުކުރެވެއެވެ. ވިހެއުމަށްފަހު އާދައިގެ މަތިން މިތުއްތު ދަރިފުޅު މައިންބަފައިން ނާއި ހަވާލު ކުރެވުނެވެ. ނަމަވެސް ވިހެއިތާ 12ގަޑި އިރުފަހުން މިދެމަފިރީނަށް މިޝްކާގެ ނޭވާ އަވަސްވާހެން ހީވިއެވެ. ހޮސްޕިޓަލްގައި އެވަގުތު މަސައްކަތް ކުރަމުން އައި ކުޑަކުދީންގެ ޑޮކްޓަރަށް ދެއްކުމުން އެނގުނީ މިޝްކާގެ ހިތުގައި މައްސަލައެއް ހުރިކަމެވެ. މި ދެމަފިރީންގެ ހިތް ކުދި ކުދި ވިއެވެ. ހޮސްޕިޓަލުން އެންގީ ވީއެންމެ އަވަހަކަށް މާލެއަށް އިތުރު ފަރުވާއަށް ފުރުމަށެވެ. މާލެ ދިއުމަށް ފަހު އައި.ޖީ.އެމް.އެޗް ގެ ކާޑިއޯ ޑިޕާޓްމެންޓްގައި ހެދިޓެސްޓްތަކުން އެނގުނީ މިޝްކާއަށް ވަނީ ކޮމްޕްލެކްސް ކޮންޖެނިޓަލް ހާޓް ޑިޒީޒް ޖެހިފައިވާކަމެވެ. މީގެ މާނައަކީ، މިޝްކާ އުފެދުމުގައި ހިތުގެ އެއްފަޅި އުފެދިފައި ނުވާކަމަށާއި ހިތުގެ ހުޅުވެންޖެހޭ ބައެއް ވޭލް ތައް ނުހުޅުވޭކަމެވެ. އާސަންދައިގެ އެހީގައި މިޝްކާ އިންޑިޔާއަށް އިތުރުފަރުވާއަށް ފުރުވާލެވުނެވެ
“އިންޑިޔާގެ އަމްރީތާ ހޮސްޕިޓަލް އިން ޑޮކްޓްރުން ޓެސްޓްތައްހަދައި ބެލުމަށްފަހު މާބޮޑު އުންމީދެއްނެއް ކަމަށް ބުނި، އެހެނަސް ދަރިފުޅު ދުނިޔޭގައި އޮތިއްޔާ ހަމަސް ފުރުމުން ހިތުގެ ސާޖަރީއެއް ހެދިދާނެކަމަށް ބުނެ ފޮނުވާލި” މިޝްކާގެ މަންމަ “އޭއޯ” އަށް މައުލޫމާތު ދެމުން ބުންޏެވެ. ނާޒިމާ އަކީ ދަރިފުޅު ބެލުމަށް ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަމުން ދާ ހިތްވަރުގަދަ މަންމައެކެވެ
ހުރިހައި ކަމަކަށް ކުޅަދުން ވަންތަ އިލާހެއް ވެއެވެ. މާތް ﷲ ގެ ކުޅަދުން ވަންތަކަމުން މިތުއްތު ދަރިފުޅަށް ހަމަސް ފުރުމުން އާސަންދައިގެ އެހީ އާއި ދީލަތި އެންމެހައި މީސްތަކުން ގެ އެހީގައި ހިތުގެ އޮޕްރޭޝަން އަކަށް މިއަހަރު ޖެނުއަރީ 10ވަނަ ދުވަހު ފުރިއެވެ. ހަމްދު ހުރީ މާތްﷲ އަށެވެ. މިޝްކާގެ ފުރަތަމަ ހިތުގެ އޮޕްރޭޝަން ވަރަށް ކާމިޔާބެވެ. ނަމަވެސް އަދި އިތުރު ދެ އޮޕްރޭޝަން އެއް ކުރަން ދެމަސްފަހުން ފުރަންޖެހެއެވެ. މީގެތެރެއިން އެއް އޮޕްރޭޝަނަކީ ހިތުގެ އޮޕްރޭޝަނެކެވެ. އަނެއް އޮޕްރޭޝަނަކީ ކުޑަކަމުދާ ނިޒާމާއި ބޮޑުކަމުދާ ނިޒާމުގެ ހޮޅި އެކުވެފައި ހުރުމުން ވަކި ކުރުމަށް ކުރެވޭ އޮޕްރޭޝަނެކެވެ. “
މިފަހަރު ދެ އޮޕްރޭޝަން އެއް ކުރަންޖެހޭތީ 3 މަސްދުވަސް ވަރު މަޑުކުރަން ޖެހޭނެހެން ހީވަނީ އިންޑިޔާގައި” އަތްމަތި ނުތަނަވަސްވެ ގޮތް ހުސްވެފައި ހުރި މިޝްކާގެ ބައްފަ ބުންޏެވެ. ދަރިފުޅުގެ ބައްޕަ މަސްވެރިކަމުގައި ގޮސް ލިބޭ އެއްޗަކުން ދެކޮޅުނުޖެހެއެވެ. “ވަރަށް ދަތިވޭ، ހާއްސަކޮށް ދަރިފުޅުގެ ބޭސްފަރުވާ ކަންތަކަށް އާސަންދަ ހަމަޖެހުނަސް އަޅުގަނޑުމެން ދެމަފިރީންގެ ހުރުމާއި ކެއުން ބަލަހައްޓަނީ އަމިއްލަ ހަރަދުގައި” ނިޝާން ބުންޏެވެ
މި އެޕްރީލް މަހަށް 9 މަސް ފުރޭ މިޝްކާގެ ދެވަނަ ހިތުގެ އޮޕްރޭޝަން ކުރުމަށްޓަކައި މިޝްކާ ގޮވައިގެން އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ 1 މޭއި 2018 ވާ ދުވަހުއެވެ. ބޮޑު އޮޕްރޭޝަން ތަކެއް ކުރަން ޖެހިފައިވާ މިޝްކާގެ މައިންބަފައިންނަށް ވަނީ މިވަގުތު ތިޔަ އެންމެހައި ބޭފުޅުންގެ ފަރާތުން މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ. އެހެން ކަމުން ތުއްތު ތުއްތު މިޝްކާއަށްޓަކައި ތިޔަބޭފުޅުންގެ ހެޔޮ ދުޢާއާއި، ދީލަތި އެހީތެރިކަން ފޯރުކޮށް ދެއްވާށެވެ. މާތްﷲ ގެ ހައްޤުގައި މި ތުއްތު ކުއްޖާއަށްޓަކައި ހޭދަކުރެވޭ އެންމެ ލާރިއަކީވެސް ބޭކާރުވެގެން ދާނެ ލާރިއެއް ނޫންކަން ޔަގީނެވެ. މި ތުއްތު، މައުސޫމު ކުއްޖާގެ މުސްތަޤުބަލް ބިނާ ކުރުމަށްޓަކައި މިއަދު ތިޔަ އެންމެހައި ބޭފުޅުންގެ އެހީތެރިކަން ބޭނުންވެއެވެ
މިޝްކާއަށް އެހީވުމަށް ބޭނުންފުޅުވާ ފަރާތްތަކަކުން އާމިނަތު ނާޒިމާ 7484050 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިޔުމަށް އާއިލާއިން އެދެއެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާފަރާތްތަކުން ތިރީގައި މިވާ އެކައުންޓް ނަންބަރުތަކަށް ޓްރާންސްފަރ ކޮށްދެވިދާނެއެވެ
އާމިނަތު ނާޒިމާ : 101 469353 7716 ބމލ
މުހައްމަދު ނިޝާން ޔޫ.އެސް ޑޮލަރ : 103 223391 7701