English Edition
Dhivehi Edition

“ލޯބިވާ މަންމާއެވެ! މަންމަގެ އަމިއްލަ ނަފްސަށްވުރެވެސް އަހަރެމެން ދެކެވީ ލޯބިން ރެއާއި ދުވާލު ނިދުމެއް އަރާމެއް ނެތި ވީ ޤުރުބާނީ ދުވަހަކުވެސް ހަނދާނަކުން ނުނެތޭނެއެވެ.” މިއީ އިއްޔެ އެންމެނާއި ވަކިވެދިޔަ ސ. ހިތަދޫ ތުނިޔަ ޝިޔާމާ ޢަލީ ގެ ހަމައެކަނި ނިޝާން ކަމުގައިވި ދެ ކުދިންގެ ހިތުގެ އުދާހެވެ. އެމަޢުސޫމު ހިތްތަކުން މަންމަގެ ލޮބުވެތި ފިރުމުންތަކާއި ހަނދާންތައް ދުވަހަކުވެސް ނުފިލާނެއެވެ.

އެދެބެއިންނަށް ޓަކައި އެމަންމަ އުފުލިވޭނާއި ޤަރްބާނީ ގެ ވާހަކަ އިން ޝިޔާމާގެ ހެޔޮކަމުގެ ވާހަކަ ނިންމާލެވޭކަށް އަދި ނެތެވެ. އޭނާ ވަނީ އެތައް ބައެއްގެ ހިތް ފަތަޙަ ކޮށްފައެވެ. އެކުގައި މަސައްކަތް ކުރި ގާތް ރައްޓެހިންނަށް އެއީ އެހީތެރި ވަފާތެރިއެކެވެ. ޢާއިލާއަށް އެއީ މަދަދުގާރެކެވެ. އަވަށްޓެރިންނަށް އޭނާ އެދިޔައީ އުޚުއްވަތްތެރިކަމުގެ ކުލުނާއި ނަމޫނާ ދައްކާފައެވެ. ބަލިމީހުންގެ ޚާދިމެއްގެ ގޮތުގައި އައިޖީއެމްއެޗް ގައި 5 އަހަރު ހޭދަކުރުމަށްފަހު އެނބުރި އުފަން ރަށަށް ބަދަލުވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރިހަމަ 29 އަހަރު ހޭދަކުރި އިރު އޭނާ ވެފައިވަނީ އޯގާތެރިކަމާއި ހިތްހެޔޮ ކަމުގެ ލާމަސީލު ނަރުހަކަށެވެ.

ޝިޔާމާ އޭނާގެ ޢާއިލާގެ މެންބަރުންނާއެކު

އެހޭދަކުރި ދިގު މުއްދަތުގެ ތެރޭ ޝިޔާމާއާއި ބައްދަލުވި ކޮންމެ “ޕޭޝަންޓަކަށް” އޭނާ ވަނީ އޯގާތެރި ކަމާއި ލޯތްބާއި އެކު ޚިދުމަތް ފޯރުކޮށްދީފައެވެ. އެއެންމެންގެ ދުލުން މިއަދު ޝިޔާމާގެ ހެޔޮކަމުގެ ވާހަކަ އެދަނީ ދައްކަމުންނެވެ. މުޅި ސޯޝަލް މީޑިއާގައި މިއަދު ގުގުމާލިއަޑަކީ ލޯތްބާއި ކުލުނުން ފުރިފައިވި ހިތެއް އޮތް ޝިޔާމާގެ ވަކިވެދިއުމުން ލިބުނު ފުންއަސަރާއި އެކު އެމަރްޙޫމަށް އޮހެމުންދާ ހެޔޮދުޢާގެ މެސެޖްތަކެވެ.

ޝިޔާމާއަކީ އޭނާގެ ޢާއިލާގައިވެސް ނަންވިދާ މެންބަރެކެވެ. މަޑުމައިތިރި ހިތްތިރި ނަރުހެއްގެ ގޮތުގައި މުޅި ޤައުމަށް ޚިދުމަތް ދެމުންދާފަދައިން ގޭގައިވެސް އުޚުއްވަތްތެރި ކަމުގެ ނަމޫނާ ދައްކާ، ޢާއިލީ ގުޅުމަށް ނުހަނު ލޯބި ކުރި މީހެއްގެ ގޮތުގައި ޢާއިލާއިން ޝިޔާމާ ސިފަކުރެއެވެ.

” ދޮންތައަކީ އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށް ވުރެ އެހެން މީހުންގެ އުފަލަށް އިސްކަންދޭ މީހެއް. އެބަލިޙާލުގައި ހުރެގެން ވެސް ގުޅާފަ އެބައަހާ އަޅުގަނޑުގެ ދަރިފުޅަށް ބަރާބަރަށް ވެކްސިން ދިންތޯ. ބަރުދަން ބެލިތޯ.ގަވާއިދުން ގާތުން ދޭތޯ.. ފަހު ވަގުތާއި ހަމައަށް ވެސް ކިތައްމެ ދުރުހިލޭ މީހަކު ކަމަކު އަޔަސް އަނބުރައެއް ނުފޮނުވާނެ. ދޮންތައަކީ އާދަޔާއި ޚިލާފު ހިތްހެޔޮ މީހެއް. ޢާއިލާއިން ވާހަކަ ދެއްކި ޝިޔާމާގެ ކޮއްކޮ އަސަރާއެކު އެދައްތަގެ ވާހަކަ ކިޔާދިނެވެ.

ޝިޔާމާ، އެކުގައި މަސައްކަތް ކުރި ނަރުހުންނާއިއެކު

ތެދެކެވެ. ޝިއާމާގެ ހެޔޮކަން އޭނާގެ ޢާއިލާއެކޭ އެއްފަދައިން އަވަށްޓެރިންނަށް ވެސް ފޯރިއެވެ. ގޭގެ މަސައްކަތް ތަކާއި ވަޒީފާގެ ބުރަހެލި ކަމަށްފަހު ލިބޭ ކުޑަހުސްވަގުތު ކޮޅު ގާތް އެކުވެރިންނާއި އެކު ހިތް އުފާ ކޮށްލުމަކީ ޝިއާމާގެ އާދައެކެވެ.

” އެހެން އައިސް ހުންނަ އިރު އެކަކު އަނެކަކަށް ދިމާވާ ކަންތައްތަކާއިމެދު ވާހަކަ ދައްކާ ނަސޭޙަތް ދިނުން ކަމަކަށް އޮންނާނީ. ވަރަށް ކަނުލާ އަޑުއަހާނެ ރައްޓެހިންގެ ވާހަކަތައް. އަދި އެހާ ސިއްރު ހިފަހައްޓާނެ. ” މިއީ ޝިއާމާގެ ގާތް އެކުވެރިއަކު ޙިއްސާކޮށްލި ވާހަކައެކެވެ.

“ތިމާގެ ބަލިޙާލަތު އެހާ ގޯސްވިއިރުވެސް އެކަމަކަށް ޝިއާމާ ފަރުވާލެއް ނުބަހައްޓާ. ބަލަނީ އެހެން މީހުން އުފާ ކޮށްދެވޭތޯ. ”

މިއީ ޝިޔާމާ ދަނެފަރިތަ އެންމެންނަށް ވެސް ޢާއްމު ވާހަކަ ތަކެކެވެ. މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފެށިގެން ކެންސަރުގެ ޝިކާރައަކަށް ވި މި ޒުވާނާ އެބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިއްޔެ އެވަނީ މި ފަނާވަނިވި ދުނިޔެއަށް ތާ އަބަދަށް އަލްވަދާޢު ކިޔާފައެވެ. ޝިޔާމާގެ ވަކިވެދިއުން ތަޙައްމަލު ކުރަމުންދާ ދިރިތިބީން އޭނާ ދޫކޮށެއް ނުލާނެއެވެ. އެމީހުންގެ ލޯތްބާއި ހެޔޮ ދުޢާ އަބަދާއި އަބަދު ޝިޔާމާއަށް ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

انا لله وانا اليه راجعون

މާތް ﷲ މަރުޙޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.