English Edition
Dhivehi Edition

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިޒޭބަލްސް(އެމްއޭޕީޑީ) އިން އައްޑޫގައި ތިބި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ރޭވުމަށް ހަމަޖައްސައިފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ހާލަތު ދަނެގަތުމަށް ޚާއްޞަ ސާވޭ އެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ސާވޭ ގެ މަސައްކަތް މިމަހުގެ 21 ން ފެށިގެން 25ގެ ނިޔަލަށް ކުރިއަށް ދާނެކަމަށް އެމްއޭޕީޑީން ބުނެއެވެ. މިސާވޭއަކީ އެމްއޭޕީޑީއިން ހާއްސައެހީއަށް ބޭނުންވާ ކުދިންގެ މައުލޫމާތު މިހާރު ހޯދަމުންދާ އެންސްޕާގެ އެލަވެންސް ލިސްޓުން ކުދިންގެ ހާލަތުގެ މައުލޫމާތު ލިބުމުގައި ދަތިތަކެއް ހުރުމުން އެކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ހިންގާ ސާވޭއެކެވެ.

މި ސާވޭއަށްފަހު ސީޕީ ޑޭއި ގެ ގޮތުގައި މެޑިކަލް ކޮންސަލްޓޭޝަން އަދި ތެރަޕީ ސެޝަން ދުވަހެއް މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިތެރަޕީ ސެޝަންގައި ސެނަހިޔާ، އައިއެމްޑީސީ އަދި އެޗްއާރުއެޗްގެ ތެރަޕިސްޓުން ބައިވެރިވެވަޑައިންގަންނަވާނެއެވެ. މި ސެޝަންގައި ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހާލަތު އިތުރަށް ގޯސްވިއަނުދިނުމަށްޓަކައި ހޯމް ތެރަޕީ ދެވެނޭ ގޮތްތައް ބެލެނިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މީގެއިތުރުން އިންޓަނޭޝަލް ޑޭ އޮފް ޕާސަންސް ވިތް ޑިޒޭބިލިޓީސް(އައިޑީޕީޑީ) ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 27 ވަނަ ދުވަހު ހަރަކާތެއް ކުރިއަށްދާނެއެވެ. މިހަރަކާތުގައި ތަފާތު ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.