English Edition
Dhivehi Edition

އާމިނަތު ޚާލިސާ، އާންމު ނަމުން ނަމަ ހާއްލު އަކީ މިހާރު އައްޑު އަތޮޅު މީދޫގައި ތިބި ޒުވާނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ، މީދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވޭނެ ކަނބަލެކެވެ. ރަށެއްގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް ބަޔަކަށް ވާނީ އެރަށުގައި ވަޒަންވެރިވެގެން ތިބޭ ރަށުގައި ދިމާވާ ހުރިހާ ކަމަކަށް ކުރިމަތިލައި އެކަމަކަށް ހައްލު ހޯދާއި، ކަންކަން ލޮލުން ފެނި އަތުން ހިފައި އެކަމެއްގެ ތެރޭގައި އެމީހަކަށް މަސްއޫލުވެރި ވެވޭ މީހުންނެވެ.

ޚާލިސާ ފާހަގަ ކޮށްލެވެނީ މީދޫގެ ތަރައްޤީއާއި ކުރިއެރުމަށް އެކި ދާއިރާތަކުން މަސައްކަތް ކުރަށްވާ ކަނބަލެއްގެ ގޮތުގައި އެވެ. އެގޮތުން ޚާލިސާ މަސައްކަތް ކުރަށްވާ އަދި ކޮށްފައިވާ ބައެއް ދާއިރާތައް ފާހަގަ ކޮށްލުމަކީ މި ލިޔުމަށް ލިބޭނެ އިތުރު ފުރިހަމަ ކަމެއްގެ ގޮތުގައި ދެކެމެވެ.

މީދޫގައި އެކި ނަންނަމުގައި، ރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށްޓަކައި ޖަމިއްޔާތައް އުފައްދައި ޖަމިއްޔާތަކުގެ ވާދަވެރިކަން އިތުރުވެފައި ވާއިރު ޚާލިސާ އަކީ 2012 ވަނަ އަހަރު އުފެދުނު މީދޫ މުލިމަތި ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ބޯޑު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކަނބަލެކެވެ. އެ ޖަމިއްޔާގެ ސެކްރެޓަރީ ކަމާއި ޚަޒާންދާރުކަމުގެ އިތުރަށް މިހާރު އެ ޖަމިއްޔާގެ އާންމު މެންބަރުކަން ކުރަށްވަމުން ގެންދަވާ ޚާލިސާގެ އިސްނެންގެވުމުގެ މަތިން އެ ޖަމިއްޔާ އިން އެތައް ކަމެއް ރަށުގެ ތަރައްޤީ އަށާއި އިޖުތިމާއީ ގޮތުން ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ މަހުގައި ބޭއްވިގެން ދިޔަ ފޯރިގަދަ ނެޓްބޯޅަ ޓޯނަމެންޓް ފާހަގަ ކޮށްލެވެއެވެ. އަދި ސްކޫލް ހުޅުވުމުގެ ކުރީން ކޮންމެ އަހަރަކުވެސް ބާއްވަން ނިންމާފައިވާ ކުޑަކުދިންގެ ހާވީރު ފާހަގަ ކޮށްލެއެވެ.


•”އޭއޯ” ނިއުސް ގެ ސީނިޔާ އެޑިޓަރެއް.
އޭއޯ ނިއުސް ގައި ޚާލިސާ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާއިރު ޚާލިސާ އަކީ މީދޫގެ ހަބަރުތަކާއި ރާއްޖޭގައި ހިނގާ މުހިންމު ހަބަރުތައް ކިއުންތެރިންނަށް އެންމެ ތާޒާކޮށް ގެނެސްދިނުމުގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ ނޫސްވެރިއެކެވެ. އަދި އިންޓަވިއު ކުރުމުގަޔާއި އިވެންޓް ތަކުގެ ފޮޓޯ ނެގުމުގައިވެސް ޚާލިސާ ހުންނެވީ ވަރަށް ކުރީގައި އެވެ.

•މޯލްޑިވިއަން ރެޑް ކްރެސެންޓް(އެމްއާރްސީ) .
އެމްއާރްސީ ގައިވެސް ޚާލިސާ ވަނީ އަހަރުތަކެއް ވަންދެން ދަރުމައަށް މަސައްކަތް ކުރަށްވާފައެވެ. 2010 ވަނަ އަހަރު އެމްއާރްސީ ސ.ބްރާންޗް ބޯޑުގެ ވައިސް ޗެއާކަންވެސް ޚާލިސާ ވަނީ ކޮށްފައިއެވެ. އަދި އެމްއާރްސީގެ ފަރާތުން ރަށުގައި ހިންގި އެތަކެއް ޓްރައިނިން ތަކުގައިވެސް ޚާލިސާގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަރަދޫ ފޭދޫ/މީދޫ މެމްބަރ
އަންހެނުން ބާރުވެރިކޮށް އަންހެނުން މުޖްތަމަޢުގައި ފިރިހެނުންނެކޭ އެއް ފަދައިން ވަޒީފާގެ މާހައުލުގައި އާއި އެހެނިހެން ދާއިރާތަކުގައި ހަރުދަނާ ބަޔަކަށް ހަދައި އަންހެނުންނަށް ގިނަ ފުރުޞަތު ތައް ފަހިކޮށް ދިނުމަށް ޚާލިސާގެ ބައިވެރިވުން ހިމެނިގެން ގޮސްފައިވާއިރު ޚާލިސާ އަންހެނުންގެ ޖަމިއްޔާގައި މަސައްކަތް ކުރާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. އަންހެނުންގެ ޖަމިއްޔާއިން އިސްނަގައިގެން މި އަހަރުގެ އޮކްޓޯބަރު މަހުގައި ކުރިޔަށް ގެންދިޔަ އުމުރުން ދުވަސްވީ މީހުންގެ ދުވަހަކީ އެ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ހިނގި ކާމިޔާބު ހަރަކާތެކެވެ.

އެސްޓީއޯ ގެ ހީވާގި މުވައްޒަފެއް.
މީދޫގައި ގާއިމް ކޮށްފައިވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) ގެ މީދޫ ބްރާންޗްގައި ޚާލިސާ މަސައްކަތް ކުރާތާ 10 އަހަރުވެފައިވާއިރު ޚާލިސާ އަކީ އެތަނުގެ އޮފީހުގެ ހުރިހާ ކަމެއްގައި ހަވާލުވެގެން ހުންނެވި ފަރާތެވެ. ޚާލިސާ ފާހަގަ ކޮށްލެވެނީ ވަޒީފާއަށް ޒިންމާދާރު، ވާޒީފާގެ މާހައުލުގައި ވެސް އެކުގައި މަސައްކަތް ކުރާ މީހުންނާއި ގުޅިގެން މަސައްކަތް ކުރާ ހިތްހެޔޮ ހީވާގި ކަނބަލެއްގެ ގޮތުގައި ކަމަށް އެސްޓީއޯ ގައި މަސައްކަތް ކުރާ މުވައްޒަފުން ފާހަގަ ކުރެއެވެ.

ލާމަސީލު މަންމައެއް އަންބެއް/ދައްތައެއް
ޚާލިސާ އަކީ ދެ ކުދީންގެ މަންމަ އެކެވެ. ވަޒީފާ އާއި ރަށުގެ ކުރިއެރުމަށް ކުރެވޭ އިތުރު މަސައްކަތް ތަކުގެ ތެރޭގައި އަމަލީ ގޮތުންވެސް ގިނަ ވަގުތު ހޭދަކުރަން ޖެހުނު ކަމުގައި ވިޔަސް އާއިލާއަށް ދޭންޖެހޭ ވަގުތު ޚާލިސާ ކޮންމެ ގޮތަކަށް ވިޔަސް ދެއެވެ. އަދި ޚާލިސާގެ ދިރިއުޅުމުގައި އޭނާގެ ވަގުތު ވަރަށް ބޭނުންތެރިކޮށް ހުރިހާ ކަމަކަށް ބަހާލައިގެން ކުރިޔަށް ގެންދާކަން ފާހަގަ ކޮށްލެވެއެވެ. ޚާލިސާގެ އާއިލާގެ ބައެއް މެމްބަރުންނާއި ވާހަކަ ދައްކާލުމުން އެ ފަރާތްތަކުން ޚާލިސާ ފާހަގަ ކޮށްލަނީ ވަރަށްވެސް ހީވާގި އަދި އެފަދަ ދައްތައަކު ނުހުންނާނޭ ބުނާހާ ރަނގަޅު ދައްތައެއްގެ ގޮތުގައެވެ. ރަހުމަތްތެރިން ދެކޭގޮތުގައި ޚާލިސާ އަކީ ވަރަށް ހިތްތިރި އިތުބާރުކުރެވޭ އަދަށް ރަހުމަތްތެރިނަށްވެސް ވަރަށް އޯގާތެރި މީހެއްގެ ގޮތުގައި އެވެ.

ކޮންމެއަކަސް މިފަދަ ޚިދުމަތްތެރި ކަނބަލުންނަކީ އެބައެއްގެ ވާހަކަތަކުން އެހެންމީހުންނަށް ހިތްވަރުލިބި ރަށަށާއި ޤައުމަށް ބޭނުންތެރި ބަޔަކަށް ވުމަށް ލިބޭނެ އިތުރު ހިތްވަރެއްކަން ޔަގީނެވެ. މިއަދަކީ ޚާލިސާ އަށް 29 އަހަރު ފުރިގެންދާ ޚާލިސާގެ އުފާވެރި އުފަން ދުވަހަށް ވުމުން “އޭއޯ” ނިއުސްގެ މުޅި ޓީމާއި އަޅުގަނޑުގެ ނަމުގައި ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ. އަދި ޚާލިސާގެ ދިރިއުޅުމުގައި ފޮނި ކާމިޔާބީތަކަށާއި ކުރިއެރުންތަކަށް އެދެމެވެ.