English Edition
Dhivehi Edition

24 ފެބްރުއަރީ 2018 ގައި މަރުވި ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ސްރީދޭވީގެ ހަށިގަނޑު، ދުބާއީގެ ފުލުހުން މައްސަލަ ނިންމުމަށްފަހު އާއިލާއާއި ޙަވާލު ކުރުމުން މިހާރު ވަނީ މުމްބާއީ އަށް ގެންގޮސްފިއެވެ.

ސްރީދޭވީގެ ހަށިގަނޑު ޗާޓަރު ފްލައިޓެއްގައި މުމްބާއީއަށް ގެނެސް އޭނާ ދިރިއުޅުނު ބޯނީ ކަޕޫރުގެ ގެއަށް ވަނީ ގެންދެވިފައެވެ. އެމްބިއުލާންސްގައި ހަށިގަނޑު ގެންދެވުނު ވަގުތު އެހިސާބަށް އެއްވެފައިތިބި ދެހާހަށްވުރެ ގިނަ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ.
ސަޕޯޓަރުން ސްރީދޭވީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި އިންޑިއާގެ ގަޑިން މިއަދު 09:30 ން ފެށިގެން 12:30 ށް އޭނާގެ ހަށިގަނޑު އަންދޭރީ އަވަށުގައި ހުންނަ ސެލެބްރޭޝަން ކްލަބްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން މަޢުލޫމާތު ދެއެވެ. މިއަދުގެ 15:30 ގައި ހަށިގަނޑު އެންދުމުގެ ކަންތައް ނިމޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރުގެ ކުރީގެ އަނބިމީހާއަށް ލިބިފައިވާ ދަރިއެއް ކަމަށްވާ، މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ތަރި އަރްޖުން ކަޕޫރު އާއި ސްރީދޭވީގެ ގުޅުން އެހާ ރަނގަޅު ނުވި ކަމުގައި ވިޔަސް އަރުޖުން ވަނީ ސްރީދޭވީގެ ހަށިގަނޑު ބަލާ ދުބާއީއަށް ގޮސް ބައްޕައާއި އެކު ޙަރަކާތްތެރިވެފައެވެ.
ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ސްރީދޭވީ އާއިލީ ކައިވެންޏަކަށް ދުބާއީއަށް ގޮސް ހުއްޓާ ހޭނެތިގެން ބިލިގާއެއްގެ ތެރެއަށް ވެއްޓި ގެނބިގެން މަރުވި ޚަބަރު ވަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ޤައުމެއްގެ ރައްޔިތުން ސިއްސުވާލާފައެވެ.