English Edition
Dhivehi Edition

ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައ ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން 10000ވުރެ ގިނަ ޓެބްލެޓް މިހާރު ރާއްޖެ ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލުތަކަށް ބޭނުންވާ 70000 އަށްވުރެގިނަ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މެކްސްކޮމް ކުންފުންޏާއެވެ. އޭގެ ތެރެއިން މިހާރު 10000 ވުރެ ގިނަ ޓެބްލެޓް ވަނީ ރާއްޖެ ގެނެސްފައެވެ.

އެކި ބައިބަޔަށް ބަހާލައިގެން ގެންނަ ގޮތަށް ހަމަޖެއްސި ޓެބްލެޓްތަކުގެ 2 ޝިޕްމަންޓު މިހާރު ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ސްކޫލްތަކުގައި ޓެބްލެޓްތައް ބޭނުން ކުރަން ފަށާނީ ހުރިހާ ސްކޫލެއްގައި އެއްފަހަރާ ކަމަށެވެ.

ޓެބްލެޓް ބޭނުންކުރަން ފަށަންވާއިރަށް ކްލާސް ރޫމްތަކަށް ލިބެންޖެހޭ ކަނެކްޓިވީޓީ ދިނުމުގެ މަސައްކަތް ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ކުރިއަށްދާކަމަށާއި އަންނަ މެއި މަހުގެ ތެރޭގައި އެ މަސައްކަތްވެސް ނިންމާލެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔަވައި ދިނުމުގައި ޓެބްލެޓް ބޭނުން ކުރާއިރު، ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ތަޢުލީމީ ކަންކަމުގައި އެކަނިކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ. އަދި ޓެބްލެޓުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް އެކަނިކަމަށާ، އިންސްޓޯލް ކުރެވޭނީވެސް ވަކި އެޕްލިކޭޝަންތަކެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރިއަސް ފޮތްތައްވެސް ބޭނުން ކުރާގޮތަށް ހަމަޖައްސާފައެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރަން ނިންމާފައިވާއިރު ދަރިވަރުންނާއި ބެލެނިވެރިން ތަމްރީން ކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި ހުއްޓުމެއްނެތި މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ބާރައިގެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ގަތުމަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ ޚަރަދުވާއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ 138 މިލިއަން ރުފިޔާ ހިމަނާފައެވެ.