ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން “މޯލްޑިވިސް ހެރިޓޭޖް ސާވޭ”ގެ ނަމުގައި ސާވޭއެއް ކުރުމަށް ހަމަޖައްސައިފިއެވެ.
ދާރުލް އާސާރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އޮކްސްފޯޑުގެ ފަރާތުން ސޮއި ކުރެއްވީ ޑރ. މައިކަލް ފީނާ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ “މޯލްޑިވިސް ހެރިޓޭޖް ސާވޭ” ގެ ދަށުން އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ސާވޭގައި މިސްކިތްތަކާއި މަހާނަ ގައުތަކާއި ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން އާންމުކޮށް ހުޅުވައިލާ އޮންލައިން ޑޭޓާ ބޭސްއަކުން އެ މައުލޫމާތު ލިބެންހުންނާނެ ގޮތް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރ ޑރ އައިޝަތު ޝިހާމު ވިދާޅުވީ ދިވެހީންނަކީ ޒަމާންވީ ދިގު ތާރީޚަކާއި ކުރިއަރާފައިވާ ހަޟާރަތެއް އޮތް ބައެއް ކަމަށާއި ދިވެހީންގެ ކުޅަދާނަ މަސައްކަތްތެރިކަމާއި ރާއްޖޭގެ ދޮށިކަމުގެ ވާހަކަތައް ތާރީޚީ ގިނަ އިލްމްވެރިންތަކެއް ލިޔުއްވާފައިވާ ކަމަށެވެ؛
” މި ވާހަކަތަކުގެ ހަޤީޤަތް ސާބިތުކޮށްދޭނެ ކަންކަމާއި ތަންތަނަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައިވާ ތަރިކަތައް. އެހެންކަމުން، ރާއްޖޭގައި ހުރި އާސާރީ ތަންތަން އެންމެ ރަނގަޅަށް ހޯދައި ބެލިއްޖެނަމަ، ރާއްޖެއާ ބެހޭގޮތުން ދުނިޔޭގެ ތާރީޚުގެ މުޅިން އައު ޞަފްޙާއެއް ހުޅުވިގެން ދާނެ.. މިފަދަ ތަނަކުން ލިބޭ މަޢުލޫމާތަކީ އަގުކުރެވޭނެ ކަމެއް ނޫންކަން އެއީ މި ދާއިރާ އަދި ދާއިރާއާއި ގުޅުންހުރި އެންމެން ޤަބޫލުކުރާނެ ހަޤީޤަތެއް. ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފެށިގެން މިދާ މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހުރި ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވާ އާސާރީ ތަރިކަ ކިޠާބުކޮށް، މުޅި ދުނިޔެއަށް ފަސޭހައިން ފެންނާނެ ގޮތަށް “އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް” އެއް ތައްޔާރުކުރުންކަމަށެވެ.