English Edition
Dhivehi Edition

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނަށް ބޭނުންވާ ޓެބެލްޓް ހަވާލުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވެފައި ވަނީ ޑިޖިޓައިޒް މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެ ވަނަ ޓާމުގައި އެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ދެވަނަ ސެމިސްޓަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބެލެނިވެރިންނާއި ދަރިވަރުން އެ ޕްރޮޖެކްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އެ ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގުނު ލެވެލް 1 އަދި 2ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށް ވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނަ އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 8،459 ޓީޗަރަކަށް ޓެބްލެޓު ހަވާލުކޮށްފައެވެ.