ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު ގޫގުލް ކްލާސްރޫމް އެޕްލިކޭޝަން ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސް އެމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު، ކުލާސް ރޫމް ލެވެލްގައި ބޭނުންކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ގޫގުލް ކުލާސްރޫމް އެޕްލިކޭޝަންކަމަށެވެ. އެހެންނަމަވެސް މުސްތަޤުބަލުގައި އިތުރު ސޮފްޓްވެއަރއެއްގެ ބޭނުމެއް އޮވެއްޖެނަމަ އަމިއްލަ ސޮފްޓްވެއަރވެސް ޑިވެލޮޕްކުރާނެކަމަށް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މި ވަގުތު މުޅިން އަލަށް އެއްޗެއް ތައްޔާރުކުރުމުގެ ބަދަލުގައި ލިބެން ހުރި ރިސޯސަސް ބޭނުންކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި ކިޔަވައިދިނުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދާނީ ގޫގުލް ކުލާސްރޫމް އެޕްލިލެޝަނާއި އޭގައި ހިމެނޭ އެހެނިހެން ބައިތައްކަމަށެވެ.
ގޫގުލް ކުލާސްރޫމަކީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ސްކޫލްތަކުގައި ކިޔަވައިދޭން ބޭނުންކުރަމުންދާ ސިސްޓަމެކެވެ. މިއީ ގޫގުލް އިން ވަރަށް ރަނގަޅަށް ޓެސްޓްކޮށް ޓީޗަރުންގެ ފީޑްބެކާއެކު ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.