މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރެވި ސްކޫލްތަކުގެ 1 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ޓެބްލެޓްގެ އެހީގައި ކިޔަވަދޭން ފަށާއިރު މިއީ މި ހިދުމަތް ގައުމެއްގައި ދެވޭނެ ފުރަތަމަ ފަހަރު ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސުކޫލެއް ވައިފައި ކުރެވި، ކޮމްޕިއުޓަރައިޒް ކުރެވޭނެ ކަމަށެވެ.
“ހުރިހާ ގްރޭޑެއްގައި ޓެބްލެޓުން ކިޔަވައިދޭނެ ފުރަތަމަ ގައުމަކަށް ވާނީ ރާއްޖެ” ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސްކޫލް ތައުލީމް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މަތީތައުލީމް ހާސިލް ކުރުމުގެ ނިސްބަތް މީގެ ހަތަރު އަހަރު ކުރިން 18 ޕަސެންޓްގައި ހުރި ނަމަވެސް މިހާރު ވަނީ 32 ޕަސެންޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.
“ސަރުކާރުގެ އަމާޒަކީ 2022 އަށް ދާއިރު މަތީ ތައުލީމަށް ދާ ކުދިންގެ ނިސްބަތް 32 ޕަސެންޓުން 60 ޕަސެންޓާއި ހަމައަށް މައްޗަށް ޖެއްސުން” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަަކަށް ބޭނުންވާ ހުރިހާ ޓިޗަރުން ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމުގެ ތެރެއިން ކުދި ސްކޫލްތަކަށް އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީގެ ވިއުގާ އަޅާ ވާޗުއަލް މާހައުލުގައި ދަރިވަރުންނަށް އުނގައިދިނުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސްކޫލް ތައުލީމް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މަތީތައުލީމް ހާސިލް ކުރުމުގެ ނިސްބަތް މީގެ ހަތަރު އަހަރާއި އަޅާބަލާއިރު، 19 އިންސައްތަ އިން 32 އިންސައްތައަށް އިތުރު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
” ރައީސް ވިދާޅުވީ، މިދިޔަ އަހަރު ސާނަވީ އިމްތިހާން ނިންމާ ފަަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އަރާފައިވާކަމަށާއި، މިއީ 2013 ވަނަ އަހަރުގެ ނަތީޖާއާ އަޅާބަލާއިރު، 28 ޕަސެންޓުގެ ކުރިއެރުމެއްކަމަށެވެ.