English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޗީޕް އޮފް ސްޓާފް އާއި ކޮމާންޑާ އޮފް އެއާ ޑިފެންސް ފޯސްގެ މަގާމަށް އާ ބޭފުޅުން ހަމަޖައްސަވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި،ސައުދީ ރަސްގެފާނު ސަލްމާން ވަނީ،ކުއްލި ބަދަލާ އެކު ސިފައިންގެ އިސްވެރިޔާ ޗީފް އޮފް ސްޓާފް ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި، އަބްދުއްރަހުމާން ބިން ސޯލިހު އަލް ބުންޔާން އެ މަގާމުން ދުރުކުރައްވާފައެވެ.

ސޯލިހު އަލް ބުންޔާން ވަކި ކުރެއްވުމަށްފަހު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޖެނެރަލް ފައްޔާދް އަލް ރުވައިލީ އެވެ.
އަސްކަރިއްޔާގެ އިތުރުން ސަލާމަތީ އަދި އިގުތިސާދީ ދާއިރާތަކާ ގުޅޭ ބައެއް މިނިސްޓްރީތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އެ މިނިސްޓްރީތަކަށް އާ ޑެޕިއުޓީ މިނިސްޓަރުން ލެއްވި އިރު ލޭބާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސަވާފައިވަނީ އަންހެން ބޭފުޅެކެވެ.
އެ މަގާމަށް ހަމަޖައްސަވާފައިވަނީ ތަމަދޫރު ބިންތު ޔޫސުފް އައް ރަމާހު އެވެ. އޭނާ އަކީ ސައުދީ ބިލިއަނަރ އަލް ވަލީދު ބިން ތަލާތް ގެ ކޮއްކޯފުޅެވެ. އަދި މީގެ އިތުރުން ސައުދީގެ،ބައެއް ޝަހަރުތަކުގެ މޭޔަރުކަމަށް ވެސް އާ ބޭފުޅުން ވަނީ ހަމަޖައްސަވާފައެވެ.
ރަސްގެފާނުގެ އެނިންމެވުމުގެ ފަހަތުގައި ހުންނެވީ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވީ ނަމަވެސް އެމަގާމުތަކަށް ބަދަލުގެނެވުނު ސަބަބު ހާމަކޮށްފައެއްނުވެއެވ.