English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ކުޅު ފުރަތަމަ މެޗުގައި މައިލޯ އެފްސީން ޓީމު ޓެކް ކޮޅަށް ވިހި ލަނޑުޖަހައިގެން މެޗު ކާމިޔާބު ކޮށްފިއެވެ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މިމެޗުގައި ޓީމް ޓެކް ކޮޅަށް މައިލޯއެފްސީން 20 ލަނޑު ޖެހީ އެޓީމަށް އެއްވެސް ފުރުސަތެއް ނުދީ މުޅިމެޗު ޑޮމިނޭޓް ކޮށްގެންނެވެ. އެޓީމުން ޖެހި 20 ލަނޑުގެ ތެރެއިން އަށް ލަނޑަކީ ހަސަން އަލްފާފް ޖަހައދިން ލަނޑުތަކެވެ. އެޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ރަފާހު އަބްދުﷲ ވަނީ ފަސް ލަނޑު ޖަހައިދީފައެވެ. މުހައްމަދު ހަބީބާއި، މިރާހު އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފައެވެ. ބާކީ ލަނޑުތައް ޖަހައިދީފައިވަނީ ހާޒިމް ފައުޒީ އާއި އަލީ ނަދީމާއި، މުހައްމަދު މަމްނޫނެވެ. މި މެޗުން 20-0 ލަނޑުން ޓެކް ބަލިވުމުން އެޓީމްވަނީ މުބާރާތުން އަލްވަދާއު ކިޔައިފައެވެ. އެއީ ރޭގެ މެޗުން ބެލިވެ އަދި އޭގެ ކުރިން އެފްސީ ޓައިޓަންއާ ބައްދަލުކުރި މެޗުންވެސް ބޮޑު ތަފާތަކުން ބަލިވެފައިވާތީއެވެ. ރޭގެ މެޗަކީ މައިލޯ އެފްސީގެވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ފަސްގަނޑަ އެފްސީއާ ބައްދަލުކޮށް 1-3 ލަނޑުން އެޓީމްވަނީ ބަލިވެފައެވެ. އެހެންނަމަވެސް ރޭގެ މެޗުން މޮޅުވުމުން އެޓީމަށް އަދި ފުރުސަތު އެބައޮތެވެ. މި މެޗުން ބަލިވިނަމަ އެޓީމު މުބާރާތުން ކަޓާނެއެވެ. މެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ އެފްސީއަށް 8 ލަނޑު ޖަހައިދިން އަލްފާފެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.