އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުންނުވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއު “ހިޔާ” ގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ސަރުކާރާ ޚިޔާލު ތަފާތު ފަރާތަކުންނާއި ޓީވީ ޗެނަލްތަކުން، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އީޔޫއިން ނިންމާފައިވާކަމަށް ބުނެ ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. ނަމަވެސް މި ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ސާބިތުހިފޭ ވާހަކަތަކެއް ނޫންކަމަށް ހާމަވެފައިވަނީ އީޔޫއިން ރާއްޖެއާއިމެދު ފިޔަވަޅު ނާޅަން ނިންމުމުންކަމަށެވެ.
“އިއްތިހާދުން މި ދައްކަނީ އިދިކޮޅުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިޔޭ. އެބޭފުޅުންނަށް އެވާހަކަތައް ރަނގަޅަށް ކިޔައިވެސް ނުދެވުނު. މިއަދު އަޅުގަނޑުމެންނަށް ފާހަގަ ވެގެން މިދިޔައީ އިދިކޮޅު ފަރާތްތަކުން އެމީހުން ކުރި މަަސައްކަތް އީޔޫއިން ބަލައިނުގަތްކަން. ދިވެހިރާއްޖެއާާ މެދު ފިޔަވަޅު ނާޅަން ނިންމިކަން،” ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރުންވަނީ ފުދުންތެރި އިޤްތިސާދެއް ބިނާކޮށް ބަޔަކަށް ޖިޒީ ދައްކަން ނުޖެހި ސަލާންޖަހަން ނުޖެހޭގޮތަށް ޤައުމުގެ އިންތައް ވަކިކޮށް ޤައުމު ބިނާކޮށްފައިކަމަށެވެ. އަދި މިޤައުމުގައިތިބީ ފަނާކުރަނިވި މީހުންނާއި ބޯދާ ވިސްނުމެކޭބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް މިހާރު ނިކަމެއްތިކަން އައިސްފައިވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އިނގިރޭސިވިލާތާއި ޖަރުމަނާއި އެހެނިހެން ގައުމުތަކުގައި ތިބެގެން ދިވެހިންނާ ދެކޮޅަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައްްކަމުން ދާ ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އުޅެނީ ބޯދާ އަދި ހައްދު ފަހަނަ އަޅާފައިވާ މީހުން އުޅޭ ކަމަށް ބުނިކަމުގައި ވިޔަސް އެމީހުންގެ މަސައްކަތް ކާމިޔާބުނުވާކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށެވެ.
“ގައުމެއް ފުނޑާލައި ގައުމެއްގެ ދުވަސް ދުއްވާލައި ގައުމެއް ކޮށާ ކަތިލަމުން ދާއިރުު ތިބޭފުޅުންގެ ޒިންމާއަކީ، އަޅުގަނޑުމެން އެންމެންގެ ވިސްނުމަކަށް ވާންވާނީ ގައުމު ބިނާކުރުމާއި ގައުމުގެ މިނިވަންކަން ދިފާއު ކުރުމާއި ގައުމުގެ ދީން އިސްލާމްދީނުގެ ހައްގުގައި ކުރެވޭ މަސައްކަތަށް ބާރު ދިނުމޭ،” ސައީދު ވިދާޅުވިއެވެ.
އިޔޫއިިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ޖުޑީޝަރީގެ ހިންގުން، ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭ ހަމަށެވެ.