ފްރާންސް ލީގުގައި އޮލިމްޕިކް މާސޭ އަތުން ޕީއެސްޖީ 3-0 ލަނޑުން މޮޅުވި މެޗުގައި ދުނިޔޭގެ ރިކޯޑް އަގަކަށް ސްޕެއިންގެ ބާސެލޯނާއިން ޕީއެސްޖީ އާއި ގުޅުނު ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގްގައި ރިއަލްމެޑްރިޑް އާއި ދެކޮޅަށް ކުޅޭ މެޗު ނުކުޅެވޭނެ ކަމުގެ ބިރު ބޮޑު ވެއްޖެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް އަނިޔާވީ އޭނާގެ ފައިވަނީ ރޭގެ މެޗުގައި ފައި ފުރޮޅާލައިގެންނެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި ނޭމާއަށް ރޭގެ މެޗުގައި ލިބުނު އަނިޔާގައި އޭނާގެ ފައިގެ ކުޑަ ހުޅު ރެސްލާފައި ވުމުގެ ސަބަބުން ދެން މިސީޒަންގައި އޭނާއަށް މުހިންމު ގިނަ މެޗުތަކެއް ނުކުޅެވޭނެއެވެ.
އެހެން ނަމަވެސް ޕީއެސްޖިގެ މެޑިކަލް ޓީމުން ނޭމާގެ އަނިޔާއާއި ބެހޭ ގޮތުން ބުނީ ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި ދެން އެންމެ ހަވަހަށް ވެސް އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގައި ކަމަށެވެ.
ނޭމާއަށް އަނިޔާ ވެފައި މިވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ނުވަ ވަރަކަށް ދުވަސް ބާކީ އޮއްވަ އެވެ.
ފުރަތަމަ ލެގުން 3-1 އިން ޕީއެސްޖީ ބަލިވެފައިވާއިރު މިސީޒަންގައި އެޓީމުން ވަނީ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން މިސީޒަންގައި 400 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކޮށްފައެވެ.
ރޭގެ މެޗުން މޮޅުވެ ފްރާންސް ލީގުގެ އެއްވަނާގައި ޕީއެސްޖީ 71 ޕޮއިންޓާ އެކު އޮތް އިރު ދެ ވަނައިގައި 57 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ. މާސޭ އޮތީ 55 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ލީގުގައި ރޭ ޕީއެސްޖީގެ ދަނޑުގައި މާސޭއާއި ދެކޮޅަށް ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި މިސީޒަންގައި ޕީއެސްޖީއާއި ގުޅުނު ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން އިރު ދެ ވަނަ ގޯލް 27 ވަނަ މިނެޓުގައި ވަނީ މާސޭގެ ރޮލާންޑޯ އަތުން ބައިކޮޅަށެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 55 ވަނަ މިނެޓުގައި ޖެހީ އެޑިންސަން ކަވާނީ އެވެ.