English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އާއި ޔުނައިޓެޑް ބައްދަލު ކުރި މެޗުން މެންޗެސްޓަރ ޔުނައިޓެޑްއަށް މޮޅުވުން ހައްގެއް ނޫންކަމަށް އިނގިރޭސި ގައުމީ ޓީމް އަދި ޗެލްސީގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ ޑެނީ ޑްރިންކް ވޯޓާ ބުނެފިއެވެ.

އޭނާ ބުނީ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑު ކަމުގައިވާ އޯލްޑްޓްރެފޯޑްގައި ކުޅުނު މެޗުން ޗެލްސީ 1-2 ލަނޑުން ބަލިވި ނަމަވެސް އެކަން ގަބޫލު ކުރަން ބޭނުން ނުވާ ކަމަށާއި ރޭގެ މެޗުން ޗެލްސީއަށް ޕޮއިންޓެއް ވިޔަސް ހައްގު ކަމަށެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އިޓަލީގެ އެންޓީނޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީއިން މެޗުގެ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ވެސް ޗެލްސީއިން ނެވެ.މި ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުދީފައިވަނީ ވިލިއަމްއެވެ.

އެހެންނަމަވެސް ޗެލްސީން ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ކާމިޔާބު ކޮށްދީފައިވަނީ ޖެސޭ ލިންގާޑް އެވެ.

ޔުނައިޓެޑްގެ ޔޫތް ޓީމުން ވިދާލި ޑްރިންކް ވޯޓާ ބުނީ ރޭގެ މެޗުން ބަލިވުމުން ވަރަށް ބޮޑަށް ހިތްދަތި ވެފައިވާ ކަމަށާއި އެންމެ ބޮޑަށް ދެރަވަނީ ރޭގެ މެޗުން މޮޅުނުވެވުމުން ޔުނައިޓެޑް އާއި ދެމެދު ހަ ޕޮއުންޓްއަށް ފަރަގު ބޮޑުވުމުން ކަމަށެވެ.

ޑްރިންކް ވޯޓާ ބުނީ”ރޭގެ މެޗުގައި ޓީމް ވަރަށް ބުރަކޮށް މޮޅުވާން މަސައްކަތް ކުރި ކަމަށާއި އެހެން ކަމުން މެޗުން ކޮންމެ ވެސް އެއްޗެށް ލިބުން ހައްގު ކަމަށެވެ”

މި މޮޅާއެކު ޔުނައިޓެޑް 59 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޮތް އިރު ތިންވަނައިގައި 57 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.އަދި ހަތަރުވަނައިގައި 55 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް އޮތް އިރު ރޭގެ މެޗުން ބަލިވުމުން ލީގުގެ ފަސްވަނައަށް ޗެލްސީ ވަނީ 53 ޕޮއިންޓާ އެކު ވެއްޓިފައެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ. ޔުނައިޓެޑް ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.