އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް ރާއްޖެއިން ބޭރުގައި ޤައުމު ބަދުނާމުކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ގައުމު ވައްޓާލުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހުއްޓުމަކަށް ނައިސް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް މި ޖީލުގެ އަޑު” މި ޝިއާރުގެ ދަށުން ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިޖީލުގައި ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅުންގެ ހަޔާތްޕުޅަށް ބަލާއިރު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިޔަވައި ދިވެހިންގެ ލާބައަށް އެދި ވެރިކަންކުރެއްވި ރައީސެއް ނެތްކަމަށެވެ.
ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދުގައި ވިޔަފާރީގެ މިނިވަންކަން ދިވެހިންގެ އަތުގައި ނެތްކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ ނާރެހުން ފެންނަ ބިޔަ މަޝްރޫޢުތަކުން ދިވެހިންގެ އިޤްތިޞާދީ މިނިވަންކަން އޮތްކަން ސިފަވާކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް ރާއްޖެއިން ބޭރުގައި ޤައުމު ބަދުނާމުކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހުއްޓުމަކަށް ނައިސް ކުރިއަށްދާކަން މިނިސްޓަރު ވިދާޅުވިއެވެ.