English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ހާޓް އެޓޭކެއްގައި މަރުވެއްޖެ އެވެ.

އުމުރުން 54 އަހަރުގެ ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ދުވަހުގެ ރޭ 11:30 އެހާކަށް ހާއިރު ދުބާއީގައެވެ. ސްރީދޭވީ މަރުވީ އާއިލީ ކައިވެންޏަކަށް ދުބާއީއަށް ގޮސް އުޅެނިކޮށެވެ ސްރީދޭވީ މަރުވިކަން އޭނާގެ ޅިޔަނު، ސަންޖޭ ކަޕޫރު ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

ސްރީދޭވީ މަރުވީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ފިރިމީހާ ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީ ކަޕޫރާއެކު ދުބާއީގައި ހުއްޓައެވެ.

“ސްރީދޭވީ މަރުވިކަމަށް ބުނާ ޚަބަރުތަކަކީ ތެދެއް. އަހަރެން މިއަދު ދުބާއީއިން މި އައީ. އަނެއްކާ މިދަނީ އެނބުރި ދާން. މިރޭ 11:00 – 11:30 އެހާކަށް ހާއިރު މަރުވީ،” ސަންޖޭ ކަޕޫރު ބުނެފައިވެއެވެ.

އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން ސްރީދޭވީ އަންނަނީ ތަމަޅަ، ޓުލުގޫ، މަލަޔާލަމް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ. އޭނާއަކީ ބޮލީވުޑްގައި މަޝްހޫރު ފިރިހެން ތަރިއެއްގެ އެހީއާ ނުލާ ވެސް ބޮކްސް އޮފީހުގެ ކާމިޔާބު ކަށަވަރުކުރެވޭ މަދު އަންހެން ތަރިންގެ ތެރެއިން އެކެކެވެ.

ސްރީދޭވީ އޭނާގެ ފިލްމީ ކެރިއަރު ފެށީ ވަރަށް ކުޑައިރުއެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ސްރީދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ލިސްޓުން އޭނާ ފުރަތަމަ ޖާގަ ހޯދީ 1978 ގަ އެވެ. އޭނާގެ ކެރިއަރުގެ 50 އަހަރުގެ ތެރޭގައި 150 ފިލްމުގައި މަސައްކަތްކުރި އެވެ. އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި މިސްޓަ އިންޑިއާ އާއި ޗާނދަނީ، ޗާލްބާޒު އަދި ސަދްނާ ހިމެނެ އެވެ.

ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.