ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ސިފައިން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގް ވިދާާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ ނަމުގައި އެމްޑީޕީގެ އައްޑޫގޮފިން ކުރިއަށް ގެންދާ އެއްވުމުގައި އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ވެއްޓިފައި އޮތް ވެރިކަމެއް ކަމަށެވެ.
“ރައީސް ޔާމީންގެ ވެރިކަމަކީ ނިމިފައި އޮތް ވެރިކަމެއް؛ އެ ވެރިކަން ދަމަހައްޓަން ފުލުހުންނާއި ސިފައިން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވާނެ” މޭޔަރ ސޯބެ ވިދާޅުވިއެވެ.
ހަރުގޭގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތުގައި ބައެއް ބައިވެރިން ހައްޔަރު ކުރި ނަމަވެސް އެއްވެސް ރައްޔިތަކު ހިތްވަރު ބަލި ނުކުރުމަށް ގޮވާލައްވާފައެވެ. އަދި ކޮންމެ މީހަކީ ވެސް އެކަކަށް ދޫނުކުރާނެ ލީޑަރެއް ކަަމަށާއި އަޒުމު ވަރުގަދަކޮށް އިހުނަށް ވުރެ ވަރުގަދަކުރުމަށް ވެސް ސޯބެ ވަނީ ގޮވާލައްވާފައެވެ.
ސޯބެ ވިދާޅުވީ ސުލްހަވެރި އެއްވުމަށް ހުރަސްއެޅުމަށް ބަޔަކު ހައްޔަރު ކުރިއަސް ހައްޔަރުކުރާ ކޮންމެ މީހަކަށް 10 މީހުން އުފެދޭނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނެތުމަކީ އެ ރައްޔިތުންނަށް އަނިޔާކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް ސޯބެ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ކުރިއަށް ގެންދާ މުޒާހަރާގައި އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވެސް ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.