ތިމާއަށް ކުރެވެން ހުރި ހުރިހާ ރަނގަޅު ކަމެއް ކުރާށެވެ. އަހަރެމެންނަކީ އިންސާނުން ކަމުން ކުށް ކުރެވޭނެއެވެ. ކުޑައިރު ނުވަތަ ނުވިސްނޭ އިރު ހުރިހާ ކަމެއް ކުރެވިފައިވާނީ މާ ރަގަޅަކަށް ނޫނެވެ. އެހެންނަމަވެސް މިއަދު އަހަރެމެންނަށް ރަނގަޅު ގޮތުގައި ދިރިއުޅުން ހޭދަ ކުރެވިދާނެއެވެ. ތިރީގައި މިވަނީ ހަމަ ކޮންމެ މީހަކަށް ވެސް ކަންތައް ކުރެވިދާނެ ރަނގަޅު ގޮތްތަކެކެވެ.
ވިޔަފާރީގައި ގުޅުން އޮންނަ ނުވަތަ އެކީގައި އުޅޭ މީހަކު ތިމާއަށް ދޮގެއް ހަދައިފިނަމަ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ އެއީ އޭނާގެ އިތުބާރު ގެއްލިގެން ދާނެ ކަމެއްކަން ކަށަވަރެވެ. އެހެންކަމުން ތިމާ އަބަދުވެސް ތެދަށް ބުނެވޭތޯ ބަލަންވާނެއެވެ. އަދި ބުނާ ހުރިހާ އެއްޗެއް ފޮރުވުމެއް ނެތި ސީދާ ސާދާކޮށް ބުނަންވާނެއެވެ. ހިތަށް އަރާ އެއްޗެއް އަދި ކުރެވޭ އހްސާސްތައް ސާފުކޮށް ދުލުން ބުނަން ފަރިތަ ކުރާށެވެ.
އިށީނދެ އިންނަ ގޮނޑި ދުވަސްވީ މީހަކަށް ދިނުން ފަދަ ކަންތައް ކުރާށެވެ. އެކީގައި އުޅޭ މީހަކަށް ކަމެއް ނުކުރެވިގެން އުޅޭ އިރު އެކަމުގައި އެހީވެދޭށެވެ. މީހަކަށް ލުޔެއްދެވެން އޮތްގޮތެއް ބަލާށެވެ. އެއީ ރަނގަޅު މީހަކަށް ވުމަށް ކުރެވިދާނެ ވަރަށް ކުޑަ ކަމެއް ވެސް މެއެވެ.
ފަގީރަކަށް އެއްޗެއް ދިނުން. ފަންޑުފޮށްޓަކަށް ހަދިޔާ ކުރުން، އެހެން ބަޔަކަށް ފައިދާއެއްވާނެ ކޮންމެވެސް ކަމެއް ކޮށްދިނުން އެއީވެސް ތިމާއަކީ ރަގަޅު މީހަކަށް ވެވިދާނެ ގޮތެކެވެ. ދުނިޔޭގައި ހުރި ހުރިހާ މައްސަލަތަކެއް ތިމާއަށް ހއްލު ކޮށެއް ނުދެވޭނެއެވެ. އެކަމަކު ކުޑަނަމަވެސް އެއްކަމެއް ކޮށްދެވިދާނެއެވެ.
އެހެން މީހަކު ވަނުމަށް ދޮރު ހުޅުވާލަ ދިނުން ފަދަ ކަމެއް އަބަދުވެސް ކުރާށެވެ. އަނެކާ ކިތަންމެ ގޯސްކޮށް ކަންތައް ކުރިޔަސް ތިމާގެ ކިބައިން ރިވެތި އަޚުލާގު ދައްކާށެވެ.
ހެޔޮގޮތުގައި ހުރުން ދޫކޮށް ނުލާށެވެ. އެހެންމީހަކަށް ދެއްކުމަށް ކަމެއް ނުކުރާށެވެ. ތިމާގެ އަމިއްލަ އިމެއް ގާއިމު ކުރާށެވެ. ރަނގަޅު ގޮތް އިޚްތިޔާރު ކުރާށެވެ.
ތިމާގެ ކިބައިން ގޯހެއް ހެދޭނަމަ އެކަމެއް ބަދަލު ކޮށްލަން ތައްޔާރުގައިވާށެވެ. ނުވަތަ އާކަމެއް އާގޮތަކަށް ކުރުމަށް ދެކޮޅު ނަހަދާށެވެ. ކުރީގައި ކޮށް ފަރިތަ ނޫން ކަންތައްވެސް ކުރާށެވެ. ރައްޓެހި ނޫން މީހުންނާވެސް ވާހަކަ ދައްކާށެވެ.
ތިމާ ދެންމެއަކު ސާފު ކޮށްފައި ހުރިތަނަކަށް ކިލާ ފައިވާނަކާއެކު މީހަކު ވަނީމާ ތިމާއަކަށް ވެސް ނުރުހެވޭނެއެވެ. އެހެން ކަމުން ތިމާވެސް ގެޔަކަށް ނޫނީ ތަނަކަށް ވަންނަ އިރު ފައިވާން ބޭރުގައި ބަހަށްޓަން ޖެހޭތޯ ބަލަން ވާނެއެވެ. އެތަން މިތަނަށް ކުނި ނާޅާށެވެ. އެހެން މީހުންގެ ބަސްތަކަށާއި ވިސްނުމާއި ޚިޔާލާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ކަންތައް ކުރާގޮތަށް އިހުތިރާމް ކުރާށެވެ. އެކަންތަކާ ތިމާ ނުރުހުނަސް ފާޑު ނުކިޔާށެވެ.
ރައްޓެއްސެއްގެ ގެޔަށް ނުވަތަ ޕާޓީއަކަށް ދާއިރު އެއްޗެއް ގެންދާށެވެ. ގޭގައި ހެދި ކާއެއްޗެއް ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ނުވަތަ ކުޑަ ހަދިޔާއެއް ނަމަވެސް ތަނަކަށް ޒިޔާރަށް ކުރާއިރު ގެންދެވިދާނެއެވެ.
ކަންކަމުގެ ރަނގަޅު ނުރަނގަޅު ހެޔޮ ގޮތްތައް ބަލައި ދަސްކުރާށެވެ. ރަނގަޅު މީހުން ކަންތައް ކުރާގޮތް ފާހަގަ ކުރާށެވެ. ގޯސްކަންތަކާއި އާދަތައް ގައިގައި ނުލާށެވެ.
ރަނގަޅު މީހަކަށް އެއްދުވަހަކުން ނުވެވޭނެއެވެ. އެހެންކަމުން މިފަދަ ކަންތައް ފާހަގަކޮށް މަޑުމަޑުން އާދަ ކުރަމުންގޮސް ރަނގަޅު ހެޔޮ އަދި މާތް މީހަކަށް ހަމަ ކޮންމެ މީހަކަށް ވެސް ވެވިދާނެއެވެ.