English Edition
Dhivehi Edition

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމިއްޖެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަން މިހާރު ހިންގަމުން އަންނަ މަޝްރޫއުގެ ދަށުން އެ އިމާރާތުގައި ކުރަންޖެހޭ ބޮޑެތި ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މައި އިމާރާތާއި އޮފީސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މެޑިކަލް އާއި އިލެކްޓްރޯނިކަލް މަސައްކަތްތަކާއި އެތެރޭގެ ފިނިޝިން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮސްޕިޓަލްގެ ފޮޓޯތަކަކާ އެކު މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގެ މައި އިމާރާތުގެ ސްޓްރަކްޗަލް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖުލައި ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވަން ވަނީ ތާވަލުކޮށްފައިކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލު ކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މުޅި މިމަޝްރޫޢު އަށް 21 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.