ސައުދީ ފަންޑުންނާއި، އޯޕެކް ފަންޑުންގެ އެހީގައި އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭންފެށޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލް ޖުމުހޫރިއްޔާ މިގޮތަށް ވިދާޅުވެފައިވާއިރު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވެސް ވަނީ ކަށަވަރު ކޮށް ދެއްވަވާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާކަމަށް ހައުސިން މިނިސްޓްރީން ދާދިފަހުން ވަނީ ހާމަކޮށްފައެވެ
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ތާވަލަށްވުރެ އެއްމަސް ކުރިން އެތަނުގެ ކޮންޓްރީޓް މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އެ މަސައްކަތް މިހާރުވެސް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެތަން ނިމި ޚިދުމަތް ދޭން ފަށާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
މި ހޮސްޕިޓަލް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މިއީ ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އައްޑޫސިޓީގައި ތަރައްގީކުރާ ހޮސްޕިޓަލެކެވެ.