English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް ހުށަހަޅުއްވާފައިވާ އިޞްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ގަރާރު ފާސްކުރި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ.

ޤައުމީ ސަލާމަތާބެހޭ ކޮމިޓީން މި ޤަރާރު ފާސްކޮށްފައިވަނީ 6 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީން ފާސްކޮށްފައިވަނީ، 5 ފެބްރުއަރީއިން ފެށިގެން އިޢުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް ހުށަހަޅުއްވާފައިވާ އިޞްލާޙްތަކުގެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ކޮމިޓީން މިއަދު ފާސްކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ތާއީދުކޮށެވެ.

މަޖިލީހަށް ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 38 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ޙާލަތަށް ބަދަލެއް އައިސްފައި ނުވާތީއެވެ.