English Edition
Dhivehi Edition

މިމަހު ފުރަތަމަ ދުވަހު ސްޕރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަންދެން އައްޑޫގައި މުޒާހަރާ ކުރާނެ ކަމަށް އެމްޑީޕީގެ އައްޑޫ ގޮފިން ބުނެފިއެވެ.

މިހާރު އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާ ތަކާގުޅިގެން އެޕާޓީގެ އައްޑޫދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) ވިދާޅުވީ ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހު މުޒާހަރާ ކުރިފަދައިން ކުރިއަށްއޮތް ދުވަސްތަކުގައިވެސް މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ. އަދި ސްޕްރީމްކޯޓުގެ ހުކުމް ތަންފީޒު ކުރަންދެން މި މުޒާހަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދު ކޮށް އައްޑޫގެ ރައްޔިތުން ހުކުރުދުވަހު ބާއްވަން އުޅުނު ވެހިކަލް ބުރަށް ފުލުހުން ހުރަސް އަޅާފައި ވާއިރު އިއްޔެވެސް ފުލުހުން ވަނީ ލިންކް ރޯޑުގެ އެކި ހިސާބުތައް ބަންދުކޮށްފައެވެ.

އެމްޑީޕީން ބުނީ އިއްޔެގެ މުޒާހަރާގައި ފުލުހުން މުގުރުން ޖެހުމުން އެ ޕާޓީގެ ސަޕޯޓަރަކަށް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށެވެ.

ފާއިތުވި ދެދުވަހު ފަދައިން މިއަދުވެސް މުޒާހަރާ ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެއެވެ.