މާލޭގައި ރޭ މެންދަމުގެ ވަގުތެއްގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.
ހެންވޭރު ޗާޓައިމް ކައިރީ ހުންނަ ޕީކޭ ދަނޑު ސަރަހައްދުގައި ހިނގި މި ހާދިސާގައި ޒަޚަމް ވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ޒަޚަމްވި މީހާގެ އަރިކައްޓަށް ވަޅި ހެރުމުގެ ސަބަބުން މިހާރު ލިބުނު އަނިޔާތަކަށް އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.
މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި އެ ސަރަހައްދުން ވަޅިހެރުމުން ޒަޚަމްވި މީހާ ދުވެފައި ގޮސް ސެނެހިޔާ ހޮސްޕިޓަލް ފުރަގަސް މަގުގައި ހުންނަ ސްލެންޑާ މާޓް ނަމަކަށް ކިޔާ ފިހާރައެއް ކައިރިއަށް ގޮސް ހުއްޓައި ބިންމައްޗަށް ވެއްޓުނީއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ބަޔަކު އެ ސަރަހައްދުގައި ލަކުޑިބުރިތަކެއް ހިފައިގެން އުޅުނު މަންޒަރު ވެސް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.