English Edition
Dhivehi Edition
ސަން ފޮޓޯ

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

މަހުލޫފު ދޫކޮށްލުމުން މީޑިއާގައި ވިދާޅުވީ ފުލުހުން އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެ ބޭފުޅުންނާމެދު އަމަލުކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. ފުލުހުންގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅަށް ކަންކަން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި އެއްވެ އުޅުމުގެ ހައްގު ހިފަހައްޓާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ރޭ ބެއްވި މި މުޒާހަރާ، ފުލުހުން ރޫޅާލަން ފަށާފައިވަނީ 23:00 ހާއިރުއެވެ. މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސަން ފެށުމުގެ ތެރޭގައި އެ ސަރަހައްދުގައި އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ.

ސިޔާސީ ނުވަ ބޭފުޅުން މިނިވަންކުރަން އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ސަރުކާރަށް ގޮވާލައި ކޮންމެ ރެޔަކު ވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރެ އެވެ.