ހުޅުމާލޭގައި ހެދި ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި 159 އެނދުގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި، މިހާރު ވަނީ ހިދުމަތް ދޭން ތައްޔާރުވެފަ އެވެ..
ހުޅުމާލޭގައި މުޅިން އަލަށް ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލްކަމަށް ވާއިރު، މި ހޮސްޕިޓަލުން ކެންސަރުބަލީގެ އިތުރުން އޯޕަން ހާޓް ސާޖަރީގެ ހިދުމަތާއި، ޑަޔަލަސިސްގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހުންގެ އާއިލާއަށް ދޭ އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށްވެސް މި ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ބަލި މީހުންގެ އާއިލާތަކަށް އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމަށް 48 ކޮޓަރި ހާއްސަކޮށްފައިވާއިރު، އެ ކޮޓަރި ތަކަކީ ޒަމާނީ ޓެކްނޮޖީއާއެކު ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކެއްކަން ފާހަގަކޮށްލެވެއެވެ.
އަދި އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ޗައިލްޑް ތެރަޕީގެ ހިދުމަތްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޓްރީޓޮޕް އިންވެސްޓްމެންޓުން މިހޮސްޕިޓަލްގެ މަސައްކަތް ތުރުކީގެ އަލައިކް ތާމަކްސް ކުންފުންޔާ ހަވާލުކޮށްގެން ކުރަމުން އަންނައިރު، މި ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ރަމްސީ ސައިން ޑާބީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.