ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފިއެވެ
ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އިބްރާހީމް ވަނީ ޖަމީލް އާއި އުމަރު އެމަނިކުފާނުންގެ ޕޮލިޓިކަލް އެޑުވައިޒަރުގެ މަގާމަށް ހަމަޖެއްސިކަން އިއުލާން ކުރައްވާފައެވެ. އުމަރު ޖުމްހޫރީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ގުޅިވަޑައިގެންނެވި އިރު ޖަމީލް ޕާޓީއާއި ގުޅި ވަޑައިގެންނެވީ މި މަހުގެ ދެވަނަ ދުވަހުގައެވެ
މީގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ
ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު ރޭ ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ
މި ތިން ބޭފުޅުންގެ އިތުރުން ކުރީގެ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު އާއި އިނގިރޭސި ވިލާތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޝާހު މާހިރާއ ވެސް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ