English Edition
Dhivehi Edition

އެތެރެއާއި ބޭރުގެ ދަރަނި މިވަނީ ނުރައްކާތެރި މިންވަރަކަށް އަރާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ޓެކްސްތައް އިތުރުވެ ތަކެތީގެ އަގުބޮޑުވެ، ޢާންމުންގެ ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ދަށްވަމުން ކަމަށެވެ. އަދި އިޖްތިމާޢީ، އިޤްތިސާދީ، މަދަނީ އަދި ހިންގުމުގެ ދާއިރާއިން ގިނަ ކަންކަން ބަދަލުވާން އެބަޖެހޭ ކަމަށެވެ.

މީގެ އިތުރުން ޤައުމުގެ މިސްރާބު ބަދަލުކުރުން ލަސްކޮށްފިނަމަ އިޔާދަނުކުރެވޭފަދަ ގެއްލުން ޤައުމަށާއި، ރައްޔިތުންނަށް ކުރިމަތިވާނޭކަމަށް ތަޖްރިބާކާރުން ތަކުރާރުކޮށް ބުނަމުންދާ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

“ވެޔަތުވެދިޔަ ބައެއް ސަރުކާރުތަކާއި، މިއަދުގެ ސަރުކާރުން ވެސް ކުރިމަތިކުރިވި މިދެންނެވި މައްސަލަތަކަށް ވިސްނުންތެރިކަމާއި އެކު ކުރިމަތިލައި، ޤައުމު އެއްބައިވަންތަކޮށް، މުޅި ޤައުމު ޝާމިލުވާނޭހެން ޤައުމާއިގެން ކުރިއަށް ދިއުމަށް ޤަސްދުކޮށް، ދިވެހީންގެ ފަޚުރުވެރި ރާއްޖެ ދިވެހީންގެ އަތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ވިސްނުމާއި ކެރުން އަޅުގަނޑުގެ އެބަހުރި. މާތް ﷲ ގެ ވާގިފުޅާއެކު، އެތަޖުރިބާ އާއި، ކެތްތެރިކަމާއި، ޤާބިލުކަން އަޅުގަނޑުގެ ހުރިކަން ސާބިތު ކޮށްދޭނަށް! އިންޝާﷲ.” ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައާއި ގުޅުވައިގެން ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް އުނިވެގެން ދިޔަ ކަމުގެ ކަންބޮޑުވުން އޮތީ އިންތިހާއަށް ކަމަށާއި ރައްޔިތުންގެ ފައިސާ އާއި މުދާ، އިމެއް މިނެއް ނެތި އިސްރާފުކޮށް، ކަރަޕްޝަންގެ ޢަމަލުތައް ވަނީ ހައްދުފަހަނައަޅާ ގޮސްފައި ކަމަށެވެ.

ދިވެހި ކުދިވިޔަފާރިތަކަށް ބިދޭސީން އަތްގަދަކޮށްފައިވާ ކަމަށާއި އެހެންކަމުން ދިވެހިރައްޔިތުން މިހާރު އިސްލާޙީ ބޮޑު ބަދަލަކަށް އެބަބޭނުންވާ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އެކަތިގަނޑަކަށްވެ އޭނާއާ އެކު ޤައުމަށް ކުރިމަތިވެފައި މިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށާއި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަވަސްކަމުން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށްވެ، މި ހާސްކަމުން ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ގާސިމް އިބްރާހިމް އަށް ފުރުޞަތެއް ދެއްވުން ކީއްތޯ ސުވާލު ކުރައްވާފައެވެ.