ލިޔުނީ: މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު މަދުރަސާ
ސީނު އަތޮޅު މަދަރުސާ (އެސް.އޭ.އެމް)ގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ގާޒީ ހައުސް އާއި ސިކަންދަރީ ހައުސް ދަތުރުކޮށްފި އެވެ.
މިއަދު ކުޅުނު މެޗްތަކުން ދެން ވާދަކުރި ދެ ހައުސް ކަމަށްވާ ޝަމްސުއްދީން ހައުސްއާއި ހުރަވީ ހައުސް ވަނީ މުބާރާތުން ކަޓާފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިކަންދަރީ ހައުސްއާއި ހުރަވީ ހައުސްއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު އެންމެ ޕޮއިންޓެއްގެ ތަފާތުން ކާމިޔާބުކޮށްފައި ވަނީ ސިކަންދަރީ ހައުސްއެވެ. މެޗު ނިމިގެން ދިޔައިރު ފައިނަލް ސްކޯއަކީ ސިކަންދަރީ ހައުސް 9 ޕޮއިންޓް އަދި ހުރަވީ ހައުސް 8 ޕޮއިންޓެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވާފައިވަނީ ގްރޭޑް 8-އޭގެ ދަރިވަރު އީނާސް – ޖީޑީ އެވެ.
މިއަދު ހަވީރު ދެން ކުޅުނު މެޗުގައި ވާދަކޮށްފައިވަނީ ޝަމްސުއްދީން ހައުސް އާއި ގާޒީ ހައުސް އެވެ. ގާޒީ ހައުސްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗް އެ ހައުސް އިން ކާމިޔާބުކުރީ 13 ޕޮއިންޓުންނެވެ. ޝަމްސުއްދީން ހައުސްއަށް ކާމިޔާބުކުރެވުނީ އެންމެ 3 ޕޮއިންޓެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ގްރޭޑް 10ގެ އާއިޝަތު ސާއިން – ޖީއޭ ވަނީ ހޮވާފައެވެ.
މެޗަށްފަހު ވާހަކަދައްކަވަމުން ސްޕޯޓްސް ކްލަބުގެ އިންޗާރޖް ޝާޖީ ވިދާޅުވީ ޓީމްތަކުން ދައްކާފައިވަނީ އާދަޔާ ޚިލާފު ހުނަރުތަކެއް ކަމަށާއި ހުރިހައި ޓީމުތަކަކަށް އައްސަރިބަހާއި ސާބަސް ކަމަށެވެ. ހަމައެހެންމެ، މާދަމާގެ މެޗަކީ ވަރަށްވެސް ފޯރީ ގަދަވާނޭ މެޗެއް ކަމަށް ޝާޖީ ވަނީ ފާހަގަކުރައްވާފައެވެ.
ދުޅަހެޔޮ ސިއްހަތެއްގައި އަންހެން ދަރިވަރުން ބެހެއްޓުމަށާއި ކޯ-ކަރިކިޔުލާރ އެކްޓިވީތަކުގައި އަންހެން ކުދިންނަށް ފުރުޞަތު ދިނުމަށްޓަކައި ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް ފެށޭނީ އަތޮޅު މަދަރުސާގެ ޕްލޭގްރައުންޑުގައި މާދަމާ ހަވީރު 4:15 ގައެވެ. މި މެޗަށް ސަޕޯޓުކޮށްދެއްވުމަށް ވަޑައިގަތުމަށް ސްކޫލުން ވަނީ އެދިފައެވެ.
ސީނު އަތޮޅު މަދަރުސާއަކީ ދަރިވަރުންނަށް ޓަކައި އެކިއެކި ކުޅިވަރު އިވެންޓްތައް ބާއްވަމުން އަންނަ ސްކޫލެކެވެ.