ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ސ.އަތޮޅު މަދަރުސާގައި ފާހަގަކޮށްފި އެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އެސެމްބްލީގައި ސްކޫލްގެ ހުރިހާ ކުދިންނާއި ޓިޗަރުންބައިވެރިވެފައި ވަނީ ދުވަހާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ދެ ކުލައިގެ އިސްޓާކީނަށް އަރައިގެންނެވެ.
އެސެމްބްލީގައި ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޓީޗަރ، ފާތިމަތު ސައުނާ ވަނީ ޑައުން ސިންޑްރޯމް އަކީ ކޮބައިކަމާއި، އެކުދިންގެ ސިފަތަކާއި ހުނަރުތައް އަދި އެކުދިން ޚާއްޞަ ވާ ގޮތްތައް ބުނެދެއްވާފައެވެ. އަދި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ކުރެވެން ހުރި ބައެއް ކަންކަމަށްވެސް ވަނީ އަލި އަޅުވާފައެވެ. ހަމައެހެންމެ، ސްކޫލްގެ ބަޑީ ގްރޫޕުން ވަނީ މި އެސެމްބްލީއަށް ޑައުން ސިންޑްރަމް އާއި ގުޅޭ 21 ހަގީގަތް (ފެކްޓްސް) އެހެން ދަރިވަރުންނާ ހިއްސާ ކުރުމުގެ މަގްސަދުގައި ގިނަ އަދަދެއްގެ ޕޯސްޓަރުތަށް ހަދައި ކުދިންނަށް މައުލޫމާތު ފޯރުކޮށްފައެވެ.
“ޑައުން ސިންޑްރޯމް އަކީ ބައްޔެއް ނޫން! އެއީ ނުކުޅެދުންތެރިކަމެއް. ޑައުން ސިންޑްރަމް ހުންނަ ކުދީންނަށް ވެސް ދިރިއުޅުމުގައި ކާމިޔާބު މީހުންނަށް ވެވިދާނެ.” އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސައުނާ ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް އަކީ އިންސާނާ އުފެދުމަށް ބޭނުންވާ ޖެނެޓިކް މާއްދާއެއް ކަމުގައިވާ ކްރޯމޮޒޯމްއެއް އިތުރު ވުމުގެ ސަބަބުންޖިސްމާނީގޮތުންނާ ނަފްސާނީ ގޮތުން ހެދިބޮޑުވުމަށް އަންނަ ލަސްކަމެކެވެ. މި ހާލަތު މެދުވެރިވުމުން އާއްމު ގޮތެއްގައި ހުންނަ 46 ކްރޯމޮޒޯމްގެ ބަދަލުގައި ހަށިގަނޑުގައި 47 ކްރޯމޮޒޯމް ހިމެނޭނެއެވެ.
ސީނު އަތޮޅު މަދަރުސާގައި މިދިޔަ އަހަރުވެސް ވަނީ މިފަދައިން ހާއްސަ އެސެމްބްލީއެއް ބާއްވާ، ކުދިންނަށް ޑައުންސިންޑްރޯމް އާ ބެހޭގޮތުން މައުލޫމާތު ދީފައެވެ. ކޮންމެ އަހަރަކުވެސް ދަރިވަރުންނާއި މުޖުތަމަޢު އެކިކަހަލަ ނުކުޅެދުންތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ސ.އަތޮޅު މަދަރުސާއިން ގިނަ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ.