ސ.އަތޮޅު މަދުރަސާގެ 2017 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ޝިއުމާ އަލީ، އަޙްމަދު ޒިދާން އަދި ފާތިމަތު ސަހުވާ ހޮވައިފިއެވެ.
ރޭ އެ ސްކޫލްގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ހަފްލާގައި މިދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވެވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނު ، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ (އެކަޑަމިކް) ހައްވާ ލަތީފް އެވެ
ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރެއްގެ ގޮތުގައި ޝިއުމާ ހޮވާފައިވަނީ ސެކަންޑަރީ ކެޓަގަރީންނެވެ. ޒިދާން ހޮވާފައިވަނީ ހައި ސެކަންޑަރީ ކެޓަގަރީގެ ޖޫން ބެޗުންނެވެ. އަދި ސަހުވާ ހޮވާފައިވަނީ ހައި ސެކަންޑަރީ ކެޓަގަރީގެ ނޮވެމްބަރ ބެޗުންނެވެ.
ސާނަވީ އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ މި މަދުރަސާގެ 2017 ވަނަ އަހަރު އޯލެވެލް އިމްތިހާނާއި އަދި އޭލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންވަނީ ފާހަގަކޮށްލެވޭފަދަ ކާމިޔާބީ ހާސިލްކޮށް ގައުމީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.
ގައުމިއްޔަތު ރަމްޒުކޮށްދޭ ތީމަކަށް ތައްޔާރުކޮށްގެން ކުރިއަށް ގެންދިޔަ މި ހަފްލާގައި ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވިދާޅުވީ ލިބޭ ނާކާމިޔާބީއިން ފިލާވަަޅު ނަގައިގެން ކާމިޔާބު ވުމަށް މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ކާމިޔާބު ލިބިގެންދާނެ ކަަމަށެވެ. އަދި ދުނިޔޭގައި ނަން މަޝްހޫރު ކާމިޔާބު ގިނަ މީހުންނަކީ އެމީހުންގެ އުމުރުގެ ތަފާތު ހިސާބުތަކުގައި ގިނަ ނާކާމިޔާބީ ތަކާ ކުރިމަތި ލާން ޖެހުނު ބައެއް ކަމަށް ވިދާޅުވެ އެފަދަ މީސްމީހުންގެ މިސާލުތައް ޕްރިންސިޕަލް ވަނީ ދަރިވަރުންނަށް ކިޔައިދެއްވަވާފައެވެ. އަދި ސ.އަތޮޅު މަދުރަސާ އިން ވޭތުވެދިޔަ އަހަރުވެސް ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ޕްރިންސިޕަލްގެ ވާހަކައިގައި ފާހަގަކުރެއްވެވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެޙްމާނު ޙައްވާ ލަތީފާ ،ވިދާޅުވީ ކާމިޔާބީ އަކީ ހާސިލް ކުރުމަށް އެދޭނަމަ އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު ދެނެގަނެ ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރުމާއެކު އަނެކާއާ މެދު ހެޔޮ ހިތެއް ބާއްވަން ޖެހޭ ކަމެވެ. ހަމަ އެއާއެކު ދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން އެއް އިންސާނަކު އަނެއް އިންސާނަކަށް އިޙްތިރާމު ކުރުމުގެ މައްޗަށް އަލިއަޅުވައި ލައްވަވައި ޗާންސެލަރ ވަނީ ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވަވާފައެވެ.
މި ރަސްމިއްޔާތުގައި އިނާމު ލިބުނު ދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކީ ސެކަންޑަރީ ކެޓެގަރީގެ ނޮވެމްބަރ ބެޗުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފާތިމަތު ސަހުވާ އެވެ.