English Edition
Dhivehi Edition
ބީއެމްއެލް ކާނިވަލުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް ބޮޑެތި ލުއިތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް ގެނައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަފާރިތަކަށް ފަސޭހަކޮށްދީ، މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރުމުގެ މަގުސަދުގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ލުއިތަކުގެ ތެރޭގައި މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ހަރަދުކުރަން ޖެހޭ އިކުއިޓީ 30 ޕަސެންޓުން 20 ޕަސެންޓަށް ވަނީ ދަށްކޮށްފައެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާއިރު 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. މީގެ އިތުރުން ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު 7 ޕަސެންޓް ގެ ރޭޓެއް އަދި ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް 9 ޕަސެންޓު ގެ ރޭޓެއް ވަނީ ކަނޑައަޅާފައެވެ

ސަފާރީ ފައިނޭންސިންއަށް ގެނައި ލުއިތަކުގެ ތެރޭގައި ލިވްއެބޯޑް ފައިނޭންސިން އިކުއިޓީ 30 ޕަސެންޓުން 25 ޕަސެންޓަށް ދަށްކޮށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކުރުމަށް ވަނި ނިންމާފައެވެ. އަދި .ގްރޭސް ޕީރިއަޑް 1 އަހަރުން 2 އަހަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާ ނަމަ އަހަރަކު 8 ޕަސެންޓު ގެ ރޭޓެއް އަދި ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ނަމަ 10 ޕަސެންޓު ގެ ރޭޓެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް ދިމާވާ އެއް ދަތިކަމަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ވަނީ ނިންމާފައެވެ. އެގޮތުން، ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސް ފުރިހަމަކުރާ އިންވެސްޓްމަންޓްތައް އިކުއިޓީގެ ގޮތުގައި ހިމެނޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް މިއީ ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.