ނިއު ދިއްލީގައި ދިރިއުޅޭ ސަގާފީ ކަންކަން އިންތިޒާމުކުރާ ފަރާތެއް ކަމަށްވާ އަބޫ ސުފިޔާން ހާން، އިންޑިއާގެ ވެރިރަށުގައި ޕާކިސްތާނުގެ ލޯބީގެ ޑްރާމާ ދަރު-އެ-ނިޖާތުގެ ސްކްރީނިންގްއެއް ބޭއްވުމަށް އިންތިޒާމު ކުރިއިރު، އެއީ ގިނަވެގެން 45 މީހުންނަށް ހާއްސަކޮށްގެން ބޭއްވި އަމިއްލަ އިވެންޓެކެވެ. ނަމަވެސް ހާން އަށް 700 އަށް ވުރެ ގިނަ މީހުން އެ އިވެންޓުގައި ބައިވެރިވުމަށް އެދި ހުށަހެޅިއެވެ.
ޕާކިސްތާނުގެ އެހެން ޝޯތަކާއި ލަވަތަކެކޭ އެއްފަދައިން، ދަރު-އެ-ނިޖާތު އަކީ ވެސް އިންޑިއާގައި ރަސްމީކޮށް މަނާކޮށްފައިވާ ޑްރާމާއެކެވެ. އެހެންނަމަވެސް ކޮންމެ ހަފުތާ ބަންދެއްގައި އިންޑިއާގެ ބެލުންތެރިން އިންސްޓަގްރާމަށް އެއްވެ، ވީޑިއޯ ކްލިޕްތައް ބަދަލުކޮށް، އެޕިސޯޑްތަކާ މެދު ބަހުސްކޮށް، އޭގެ މައިގަނޑު ކެރެކްޓަރ، އަބޫ ބަކުރު އަށް ތައުރީފު ކުރެއެވެ.އޮފްލައިންކޮށް، ގައުމުގެ އެކި ކަންކޮޅުތަކުގައި ވޮޗް ޕާޓީތަކާއި ގްރޫޕް ސްކްރީނިންގްތައް އިންތިޒާމު ކުރެވެއެވެ.
ޒަރްޔާބް ނަމަކަށް ކިޔާ ޒުވާން އަންހެނަކާއި، އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ޒަމީލް، އަދި ފަހުން ޒަރްޔާބްގެ ހަޔާތަށް އައިސް ހުސްކަމެއް ފުރައިދޭ އަބޫ ބަކުރުގެ ވާހަކަ ކިޔައިދޭ މި ޝޯގެ މަގުބޫލުކަން އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ސަރުކާރުގެ ފިއްތުންތަކާއެކުވެސް އިންޑިއާގައި، ޕާކިސްތާނުގެ ޑްރާމާތަކަށް ލިބެމުން އަންނަ ތަރުހީބު ކުޑައެއް ނުވިއެވެ. ފޭން ޕޭޖްތަކާއި ކޮމެންޓް ސެކްޝަންތަކުގައި ތަކުރާރުކޮށް ބޭނުންކުރާ އެއް އިބާރާތަކީ މި ޝޯގެ ކްރޭޒްގެ ކުރު ހުލާސާއަކަށް ވެފައިވެއެވެ. އެއީ “ކެތްތެރިކަމުގެ މޭވާއެއް ބޭނުމެއް ނޫނެވެ. ބޭނުމީ އަބޫ ބަކުރެވެ.” މިއީ ޕާކިސްތާނުގެ ހިޔާލީ ފިރިހެނަކަށް އިންޑިއާގެ ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ލޯބީގެ ހެއްކެކެވެ.
“އަހަރެމެން އެންމެން ވެސް ތިބީ އަބޫ ބަކުރު ކަހަލަ މީހަކަށް އިންތިޒާރުކޮށްގެން. އޭނާގެ ހަމްދަރުދީ ހުންނަ މިންވަރުން އަހަރެން މި ހުންނަނީ އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެފައި. އަދި މި ދުވަސްވަރު ގިނަ ފިރިހެނުންގެ ކިބައިން މަދުވެފައިވާތ ސިފަތައް އޭނާގެ ކިބައިން ދަނީ ފެންނަމުން،” ބެންގަލޫރުގެ ފޭނެއް ކަމަށްވާ ރަހްޝަންދާ މުޖީބް ވިދާޅުވިއެވެ.
ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ އުފެއްދުންތައް އިންޑިއާގެ ސްކްރީންތަކުން ދުރުކުރުމަށް އެ ގައުމުން ކުރާ މަސައްކަތްތަކުން އެ ކަމަށް އޮތް ޝައުގުވެރިކަން ނައްތާލެވިފައެއް ނެތެވެ. “އިންޑިއާގެ މީހުންނަށް އިންސްޓަގްރާމުން ޕާކިސްތާނުގެ ފަންނާނުންނާ މުއާމަލާތެއް ނުކުރެވޭ، ސްޕޮޓިފައި އިން ޕާކިސްތާނުގެ ލަވަތަކެއް ނޭހޭ، އަދި ޔޫޓިއުބުން ވީޕީއެން ނުވަތަ ޕްރޮކްސީ ނެތި ޕާކިސްތާނުގެ ޑްރާމާތަކެއް ނުބެލޭ،” ސުފިޔާން ހާން ވިދާޅުވިއެވެ.
ކިތަންމެ ގިނަ ހަނގުރާމަތަކާއި ދާއިމީ ނުތަނަވަސްކަން އޮތް ނަމަވެސް، އިންޑިއާ އާއި ޕާކިސްތާނުން ވަނީ އެތައް އަހަރެއް ވަންދެން ސަގާފީ ގުޅުންތައް ބާއްވާފައެވެ. ނަމަވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ނިއު ދިއްލީގައި ޕާކިސްތާނާ އެކު އޮންނަ ހުރިހާ ގުޅުންތައް ކަނޑަމުން ދިޔަ ވަރަކަށް ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތް ކުރުމާއި ޕާފޯމް ކުރުމުގެ ނުރަސްމީ މަނާކުރުންތައް ފާއިތުވި ދިހަ އަހަރު ތެރޭގައި ވަނީ ފުޅާވެފައެވެ.
އެގޮތުން އެންމެ ބޮޑު ނުތަނަވަސްކަމެއް އައީ އޭޕްރީލް 2025 ގައި އިންޑިއާގެ ޕާލަމެންޓް/ކޮންޓްރޯލް އޮފް ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގާމްގައި ހަތިޔާރު އެޅި ބަޔަކު 26 ފަތުރުވެރިން މަރާލި ހާދިސާއާ ގުޅިގެންނެވެ. އިންޑިއާ އިން އެ ހަމަލާގެ އިލްޒާމު ޕާކިސްތާނުގެ ބޮލުގައި އެޅުވި އިރު، އިސްލާމާބާދުން އެ ކަމުގައި އެއްވެސް ދައުރެއް ނެތްކަމަށް ބުނެއެވެ.
އެ ފަހުން އިންޑިއާ އިން ވަނީ ޔޫޓިއުބް ހިމެނޭ ގޮތަށް ސްޓްރީމިންގް ޕްލެޓްފޯމްތަކުން ޕާކިސްތާނުގެ ހުރިހާ ލަވަތަކާއި، ފިލްމުތަކާއި، ޑްރާމާތައް މަނާކޮށްފައެވެ. އެ ނިންމުމުގެ ސަބަބަކަށް އެ ގައުމުން ދައްކަނީ ގައުމީ ސަލާމަތެވެ. މި ހަފުތާގައި، އެ ޕްލެޓްފޯމްގައި ޕާކިސްތާނުން އުފެއްދި ފުރަތަމަ ޝޯ، އިންޑިއާގައި ނުބެލޭ ގޮތަށް ނެޓްފްލިކްސް އިން ވެސް ނެގުމަށް އެ ގައުމުން އެދިފައިވެއެވެ. ނަމަވެސް 2016 ގައި ޗައިނާ އިން ކޮރެޔާގެ ޕޮޕް ސަގާފަތާ ދެކޮޅަށް އެ ފަދަ މަނާކުރުމެއް ގެނެސް، އެކަން ގާތްގަނޑަކަށް ދިހަ އަހަރަށް ހުއްޓުވާފައި އޮތް ނަމަވެސް، އިންޑިއާގެ މަސައްކަތްތައް ފެންނަނީ ނާކާމިޔާބުވަމުންދާ ތަނެވެ.