English Edition
Dhivehi Edition
ވިލިމާލެ ބްރިޖް

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ތަރައްގީކުރަމުން އަންނަ ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަޝްރޫއުގެ އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ނިޔަލަށް މުއްދަތު އޮތް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ނޮވެންބަރު 11 އަށް ބްރިޖުގެ މަސައްކަތް ނިންމާލުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ހަލުވިމިނަށް ބަލާއިރު އެ ތާރީހަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ވިލިމާލެއާއި ގުޅީފަޅު މިހާރު ވަނީ ބްރިޖުން ގުޅާލެވިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވާންވާއިރަށް ބްރިޖު ހުޅުވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލެއާއި ވިލިމާލެ ގުޅާލާ ބްރިޖާއި، ވިލިމާލެއާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އިތުރުން ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއަކީ ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ މަޝްރޫއެކެވެ. މީގެ ތެރޭގައި އިންޑިއާ ސަރުކާރުން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ.