English Edition
Dhivehi Edition

އަގުހެޔޮކޮށް ސައިކަލު ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހްމަދު އާތިފް ހަސަންގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި އަހަރުގެ މާރިޗު މަހުގެ ތިންވަނަ ދުވަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އާތިފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާގެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކޮށް އެ ފައިސާއިން އިތުރު ތަސައްރުފުކޮށްފައިވާތީއެވެ. އަދި ފައިސާ ދެއްކި ފަރާތްތަކަށް ސައިކަލު ހަވާލުކޮށްފައި ނުވާއިރު، އެ މީހުން ދެއްކި ފައިސާ ވެސް އަނބުރާ ރައްދުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މި ދައުވާތައް ހުށަހަޅާފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިވަކި ދައުވާތަކެއްގެ ގޮތުގައެވެ. އެހެންކަމުން، ކޯޓުގައި މި ދައުވާތައް ސާބިތުވެއްޖެ ހާލަތެއްގައި ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅި، އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ގެއްލުން ލިބުނު ވަކިވަކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 (ހަ މިލިއަން ދެލައްކަ ފަންސާސް ހާސް ހަތަރުސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އޭނާގެ އަތުން ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ. ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި ގެއްލުން ލިބުނު އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށާއި، އެ ބައިތަކުގެ ތަހުގީގު ނިމުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.