English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ތެރެއިން: ފޮޓޯ އީސީ

މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަންތަކުގައި ސ. ހުޅުދޫގެ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބު ކޮށްފިއެވެ.

އޭނާ މި ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރާ ވާދަކުރައްވައިގެންނެވެ. މީގެ އިތުރުން މިއަދު ބޭއްވި ޑަބްލިއުޑީސީގެ އެހެން ދެ އިންތިހާބު ކަމަށްވާ ހއ. ވަށަފަރާއި ވ. ތިނަދޫގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އެގޮތުން:

  • ހއ. ވަށަފަރު: ޑަބްލިއުޑީސީގެ ރައީސްކަމަށް ހޮވިފައިވަނީ 278 ވޯޓާއެކު އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒް އަހުމަދަށް ލިބިވަޑައިގަތީ 221 ވޯޓެވެ.
  • ވ. ތިނަދޫ: މި ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓް ޒީނާ އަހުމަދެވެ. އޭނާއާ ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމެވެ.

ހަމައެއާއެކު، ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި، ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެވެ. އޭނާއާ ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަމަން މުހައްމަދެވެ.

ޖުމްލަ 3،776 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުތަކުގައި މާލެ ސަރަހައްދުގައި ފަސް ފޮއްޓާއި އަތޮޅުތެރޭގައި ފަސް ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.