English Edition
Dhivehi Edition
މާލެ ސިޓީ ކައުންސިލުން ވިލިމާލެ އަށް ތައާރަފް ކުރާ ބަގީތައް - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ހިދުމަތަށް މާލެ ސިޓީ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފިއެވެ.

ބަގީގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް މާލެ ސިޓީ ކައުންސިލުން ބަގީގެ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށައެޅުން ހުށައެޅީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އެވެ. މި ހުށައެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި އެ ކައުންސިލުން ބަގީގެ ޚިދުމަތް ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެއް ކަމަށާއި، ނަމަވެސް “ޕްރައިވެޓް ހަޔާރ” ގެ ގޮތުގައި ނަގާނަމަ އަގު ތަފާތުވާނެ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ބަގީ ނަގާނަމަ، 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ނަގާނެއެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ފަރާތްތަކާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށްވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.