English Edition
Dhivehi Edition
މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގެނައި ބަގީ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި ބަގީގެ ޚިދުމަތް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އެ ޓްވީޓްގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން، މާރިޗު 16 ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދުމަތް ފެށޭނެ ކަމަށާއި، ފިތުރު ޢީދު ނިމެންދެން ޕްރައިވެޓް ހަޔަރ ފިޔަވައި ބަގީ ރޫޓުގައި ކުރާ ދަތުރުތައް އޮންނާނީ ހިލޭ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެއް ކަމަށާއި، ނަމަވެސް “ޕްރައިވެޓް ހަޔާރ” ގެ ގޮތުގައި ނަގާނަމަ އަގު ތަފާތުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ބަގީ ނަގާނަމަ، 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ނަގާނެއެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ފަރާތްތަކާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށްވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.