English Edition
Dhivehi Edition
މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އުންމީދަކީ ރޯދަ މަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުން ކަމުގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ޤާއިމްކުރި ވަގުތީ ލޯކަލް މާރުކޭޓުގައި ފަންކާ ހަރުކުރުމުގެ އިތުރުން މާރުކޭޓު ބޭރުގަ ދާޖެހުމުގެ މަސައްކަތް މިއަދު ކައުންސިލުން ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވިލިމާލެ ރައްޔިތުން އެދުނުގޮތަށް މަސައްކަތް ކުރިއަށް ދާކަމަށާއި، އުންމީދަކީ މިކަމުގެ ސަބަބުން ކުރިއަށްއޮތް ރޯދަމަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުންކަމަށެވެ.

މާލެސިޓީ ކައުންސިލުން ވަނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދީފައެވެ. މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށް މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގެ އިތުރުން މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީކައުންސިލުންވަނީ ލުއިތަކެއްދީފައެވެ. މިފަދަ ލުއިތަކެއްދޭން ކައުންސިލުން ނިންމާފައިވަނީ އެފަރާތްތަކުންވެސް މިފަދަ ލުޔެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.