English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި، ވަކި ޕާޓީއަކަށް ވަނުން ފަދަ ސިޔާސީ ކަމަކާ ބޯހިޔާވަހިކަން ނުގުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާ ‘ޕީއެސްއެމް’ އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި އާންމު ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ވަކި ފިކުރަކަށް ނުވަތަ ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި، ވަރަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކުގައި ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އާންމުން ވަނީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ފްލެޓް ސްކީމްތަކަށް ތަކުރާރުކޮށް ކުރިމަތިލައި ޕޮއިންޓް ލިބުނު ނަމަވެސް، ފަހު ވަގުތު ޝަރުތު ހަމަނުވާކަމަށް ނިންމައި ފްލެޓް ނުލިބުނު ކަމުގެ ޝަކުވާ އުމުރުން ދުވަސްވީ މީހަކު ހިއްސާކުރިއެވެ. އަދި މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ އެކަނިވެރި މައިންނާއި އާއިލާތަކަށް ބޯހިޔާވަހިކަން އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަކޮށް، އިންސާފުވެރި ފުރުސަތަކަށް އެދިފައިވެއެވެ.

މީގެ އިތުރުން ރަށުގައި ގޯއްޗެއް އޮތް ނަމަވެސް، ސްޓްރޯކެއް ޖެހި އަމިއްލައަށް ކަންކަން ނުކުރެވޭ ހާލަތުގައި ހުރި ބަލިމީހެއްގެ ފިޒިއޮތެރަޕީއާއި ސިއްހީ ފަރުވާއަށްޓަކައި މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ އާއިލާއަކުން ވަނީ، ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީން ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެންމެ ނިކަމެތި ޙާލަތުގައި ތިބި ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހާއްސަ ރިއާޔަތެއް ދެއްވައިގެން އެ މައްސަލަތައް ބައްލަވައިދެއްވާނެ ކަމަށެވެ.