English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި ވޯޓުލުން: ފޮޓޯ އޭއޯ ނިއުސް

ރާއްޖޭގެ ހަތަރު ދާއިރާއެއްގެ ލޯކަލް ކައުންސިލް ރައީސުންގެ މަޤާމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށްދާނީ ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު ޑަބްލިއު.ޑީ.ސީގެ ރައީސްގެ އިތުރުން، ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ޑަބްލިއު.ޑީ.ސީގެ މެންބަރުން ހޮވުމަށެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 1 ކެންޑިޑޭޓެއް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 1 ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި ހއ. ވަށަފަރު ޑަބްލިއު.ޑީ.ސީގެ ރައީސްކަމަށް ޕީއެންސީން 1 ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ވާދަކުރާ 1 ކެންޑިޑޭޓަކު ވާދަކުރެއެވެ.

މީގެ އިތުރުން އައްޑޫސިޓީ ހުޅުދޫ ޑަބްލިއު.ޑީ.ސީގެ މެންބަރުކަމަށް ޕީއެންސީން 1 ކެންޑިޑޭޓެއް އަދި އެމްޑީޕީން 1 ކެންޑިޑޭޓެކު ވާދަކުރާއިރު ވ. ތިނަދޫ ޑަބްލިއު.ޑީ.ސީގެ މެންބަރުކަމަށް އެމްޑީޕީން 1 ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ވާދަކުރާ 1 ކެންޑިޑޭޓަކު ވާދަކުރެއެވެ.

ޖުމްލަ 3,776 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި ބައި-އިލެކްޝަންގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އަދި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 81 އޮފިޝަލުންނާއި 100 އަށްވުރެ ގިނަ މޮނިޓަރުންނާއި އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.