English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

ގއ. ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވައި، ކަތިވަޅިއެއް ހިފައިގެން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުއުމިން ހަސަން އާއި އަލީ އިބްރާހީމްގެ މައްޗަށެވެ. އެގޮތުން، މުއުމިން ހަސަންގެ މައްޗަށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލާފައިވާއިރު، އަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އެވެ.

ދައުލަތުން ހުށަހެޅި ދައުވާ ފޯމުގައި، މެއި 2025 ގައި އެ ހާދިސާ ހިނގީ ނިލަންދޫ “މޯނިން ހައުސް” ކިޔާ ގެއެއްގެ ކައިރީގައި ކަމަށް ލިޔެފައިވީ ނަމަވެސް، އެ ނަން ކިޔާ ގެއެއް އެ ރަށުގައި ނުހުންނަ ކަން ދައުވާލިބޭ ފަރާތުން ފާހަގަކުރިއެވެ. ހެކިބަސް ދިން ހަތަރު ހެކިން ބުނެފައިވަނީ ހާދިސާ ހިނގީ “މޯނިން ސަން” ކިޔާ ގޭގެ ކައިރީގައި ކަމަށެވެ. ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު ދައުވާ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކަނޑައަޅުއްވައި، މެޖިސްޓްރޭޓް ހައްމާދު ވާފިރު ވަނީ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމް ކުރައްވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ ގޭގެ ނަން ލިޔުމުގައި ހެދިފައިވަނީ އިދާރީ ކުށެއް ކަމަށާއި، ރަނގަޅު ގޮތް ޝަރީއަތުގައި ބަޔާންކޮށްދީފައިވާނެ ކަމަށެވެ. އަދި ކުށުގެ އުންސުރު ފުރިހަމަވުމަށް ސާބިތުކޮށްދޭން ޖެހެނީ އާންމު ތަނެއްގައި އެ އަމަލު ހިންގިކަން ކަމަށާއި، ވަކި ގެއެއްގެ ކައިރީގައި އެކަން ކުރިކަން ސާބިތުކޮށްދިނުމަކީ ކުށުގެ އުންސުރެއް ނޫން ކަމަށް އެ އޮފީހުން ފާހަގަކުރެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 85 ވަނަ މާއްދާއާ ހަވާލާދީ ޕީޖީން ބުނީ، ދައުވާ ފޯމުގައި އެފަދަ ކުށެއް އޮތުމަކީ ދައުވާލިބޭ ފަރާތަށް ދައުވާ އޮޅިދާނެ ހާލަތެއްގައި މެނުވީ ދައުވާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ހަތަރު ހެކިންގެ ހެކިބަހާއި ފޮޓޯ ރިޕޯޓު ހުއްޓައި މައްސަލަ ސާބިތުނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.